20 Feb 2016, 09:48
ޓްރިޕޮލީ (ފެބްރުއަރީ 20) : ލީބިޔާގައިގެ ހުޅަނގުގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒަކަށް ރޭ ދިން ޙަމަލާތަކުގެ ޒިންމާ އެމެރިކާ އިން އުފުލައިފި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ ލީބިޔާ އާއި ތޫނިސްގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަށެއްކަމަށްވާ ސަބްރާތާގައިވާ އައިއެސްގެ ތަމްރީނު މަރުކަޒަކަށް ޙަމަލާދިނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަކުން ކަމަށާއި މިޙަމަލާތަކުގައި އައިއެސް ޖަމާއަތުގެ 40 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގަ އެވެ. މިޙަމަލާގައި ލީބިޔާގެ އާންމުންގެ ބަޔަކު މަރުވިކަމަށް ބުނާ ރިޕޯޓްތަކަށް ޕެންޓަގަންގެ ތަރްޖަމާން ޕީޓާ ކުކް ކޮމެންޓެއް ނުކުރައްވަ އެވެ.
ކުކް ވިދާޅުވީ ލީބިޔާގައި މިހާރު އޮތް ވާދަވެރި ސިޔާސީ ގަޑުބަޑުތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން ލީބިޔާގައި ފައިހަރުކޮށް ހާލި ހެދުމުގެ ފުރްސަތު އައިއެސް އަށް ނުދޭނެކަމުގަ އެވެ. އަދި ލީބިޔާގައިވާ އައިއެސްގެ ހާލިތަކަށް ހަމަލާތައް ދެމުން ގެންދާނެކަމަށް ވެސް ކުކް ވިދާޅުވި އެވެ.
ލީބިޔާގައި ވާދަވެރި ދެ ސަރުކާރަކާއި ދެ ޕާލަމެންޓެއް އޮތުމުގެ އިތުރުން ކޮންމެ ސަރުކާރަކަށް ތާއީދުކުރާ ފަރާތްތަކުން ވެސް ގެންދަނީ ހަތިޔާރުއެޅި ޒުވާނުން ނެރެގެން އެސަރުކާރެއްގެ މަސްލަޙަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިދަނޑިވަޅު ބަލާފައި އިރާގާއި ސޫރިޔާ އިން ގިނަ އަދަދެއްގެ އައިއެސްގެ ލީޑަރުން ގެންދަނީ ލީބިޔާ އަށް ހިޖްރަ ކުރަމުންނެވެ. މިކަމުގެ ނުރައްކާ ދެގޮތަކަށް ލީބިޔާގެ އާންމުންނަށް ދަނީ ފޯރަމުންނެވެ. އެއީ އައިއެސް އިން ބޮން ގޮއްވައިގެން ޑަޒަން ޑަޒަނަށް ލީބިޔާގެ ރައްޔިތުން މަރަމުން ގެންދިޔުމާއި އައިއެސްއާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ ވައިގެ ޙަމަލާތައް ދީގެން ލިބިޔާގެ އާންމުން މެރުމާއި ލީބިޔާގެ އިންފްރާސްޓްރަކްޗާ ހަލާކު ކުރަމުން ގެންދިޔުމެވެ.
ލީބިޔާ އަށް މެދުވެރިވެފައިވާ މިޙާލަތުގެ ސަބަބުން އެގައުމުގެ ދެމިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައިޖެހި އިންސާނީ އެހީއަށް ބޭނުންވެފަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ލީބިޔާގެ ފުލުހުންގެ އެކަޑަމީއެއްގައި އެތައް ސަތޭކަ ދަރިވަރުން އެސެމްބްލީގައި ތިއްބައި އައިއެސްއިން ދިން ބޮމުގެ ޙަމަލާއެއްގައި އެކަޑަމީގެ ދަރިވަރުންގެ ތެރެއިން 60 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މަރާލާފަ އެވެ.
އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ލީބިޔާ އަށް ވަދެގަންނަން ޖެހިދާނެކަމުގެ އިންޒާރު ވެސް އެމެރިކާ ވަނީ ދީފަ އެވެ. ނަމަވެސް އެއްގަމު މަގުން އައިއެސްއާ ހަނގުރާމަ ކުރާހާ ހިއްވަރު އެމެރިކާ ސިފައިންގެ ކިބާގައި ނުހުންނާނެ ކަމަށް މުހައްލިލުން ދެކެ އެވެ. އަދި އެމެރިކާ އަށް ކުރެވޭނެ ކަމަކީ ވައިގެ މަގުން އައިއެސްއަށް ހަމަލާދިނުން ކަމަށާ މިކަމުގެ ވެސް ޝިކާރައަކަށް ވެގެންދާނީ ލީބިޔާގެ ރައްޔިތުން ކަމަށް ވެސް އެފަރާތްތަކުން ދެކެ އެވެ. (އަލްޖަޒީރާ)