ބޮލީވުޑްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑަކީ މީގެ ހަތް މަސްކުރިން ކައިވެނީގެ ގޮތުން ގުޅުނު ޝާހިދު ކާޕޫރާއި މީރާ ރާޖުޕުތު ކަޕޫރު އެވެ. ކައިވެންޏަށް ފަހު އެ ދެތަރިން ފާހަގަކޮށްލެވިފައިވަނީ ވަރަށް ލޯބިން އުޅޭ ދެ ތަރިންގެ ގޮތުގައެވެ.

އެކަން، އެ ދެތަރިން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށްވެސް ހާމަ ކުރަމުންނެވެ. މީރާ އާއި ޝާހިދު ހިނިތުންވުމާއެކު، ނަގާފައިވާ ސެލްފީތަކާއި ފޮޓޯތަކުން، އެ ދެތަރިންގެ ދިރިއުޅުން ކިތަންމެހާވެސް އުފާވެރިކަން ހާމެވެއެވެ.

އެ ދެތަރިންގެ ހިނިތުންވުމުގެ ފަހަތުގައިވަނީ، ލިބެން އުޅޭ ތުއްތު ތުއްތު ދަރިފުޅު ކަމަށް ވެދާނެ ހެއްޔެވެ؟ މީރާ ބަލިވެއިން ކަމުގެ ހަބަރުތައް ދާދިފަހުން ވަނީ މީޑިއާގައި ފެތުރިފައެވެ. ޝާހިދަށް ވުރެ ޖުމްލަ 13 އަހަރު ހަގު، މީރާ ހަމަ ހަގީގަތުގައިވެސް ބަލިވެ އިނީ ބާވައެވެ؟

މީޑިއާގައި އެފަދަ ހަބަރުތައް ފެތުރުނު ނަމަވެސް، މިހާތަނަށް އައި އިރު އެކަން އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެހެންކަމުން، ދެން އޮތީ ޝާހިދު އާއި މީރާގެ ކޮމެންޓަކަށް އިންތިޒާރު ކުރުމެވެ.

މިދުވަސްވަރަކީ ބޮލީވުޑަށް ވަރަށް އުފާވެރި ދުވަސްވަރެކެވެ. ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ އަށްވެސް ވަރަށް އަވަހަށް ދަރިއަކު ލިބޭނެ ކަމަށް ބެލެވެއެވެ. މިދިޔަ އަހަރު ކައިވެނި ކުރި އަރްޕިތާ ވަނީ ވަރަށް ފަހުން "ބޭބީ ޝަވާ" އެއްވެސް ބާއްވާފައެވެ. ހަމައެއާއެކު، ރިތޭޝްގެ އަންހެނުން ޖެނީލިއާވެސް އިނީ އޭނާގެ ދެވަނަ ދަރިއަކަށް ބަލިވެއެވެ.