20 Feb 2016, 09:13
ފަހަކަށް އައިސް ފިލްމުތަކުން ނުފެނުނު ނަމަވެސް، ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިތީ ޒިންތާ އަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ތަރިއެކެވެ. ހަމައެއާއެކު އޭނާ އަކީ އަދިއަދަށް ދާންދެންވެސް ގިނަ ފަރާތްތަކެއްގެ ހިތްތަކުން ޖާގަ ދެވިފައިވާ ތަރިއެކެވެ.
ޕްރިތީ ފިލްމަކުން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި އެތައް ބަޔަކު، އޭނާ ޒަވާޖީ ހަޔާތެއް ފަށާނެ ދުވަހަކަށްވެސް އިންތިޒާރު ކުރެއެވެ. އެގޮތުން ގިނަ ބައެއްގެ އެ އިންތިޒާރަށް ވަރަށް އަވަހަށް ނިމުން އަންނަ އުޅޭ ކަމަށް ބެލެވެއެވެ.
ޕްރިތީގެ ގާތް ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، އޭނާ ވަރަށް އަވަހަށް ކައިވެނި ކުރާނެއެވެ. އަދި އޭނާ ކައިވެނި ކުރަނީ އެމެރިކާ އަށް ނިސްބަތްވާ ޖީން ނަމަކަށް ކިޔާ މީހަކާއެވެ.
"އެ ދެމީހުން އަންނަ މާޗު މަހު ނުވަތަ އޭޕްރިލް މަހު ކައިވެނި ކުރާނެ. އެހެންނަމަވެސް ކައިވެނި ކުރާނެ ތާރީހެއް އަދި ނިންމާފައެއް ނުވޭ..."، ޕްރިތީގެ ގާތް މީހަކާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
ހަމައެއާއެކު، އެކައިވެންޏަށް ދައުވަތު ދޭނީ ވަރަށް މަދު މީހަކަށް ކަމަށާއި، ކައިވެނީގެ ހަފްލާ ޒީނަތްތެރި ކުރުމަށް ހަމަޖެހިފައި ވަނީ، ޕްރިތީ ބޭނުންވާ ގޮތަށް ކަމަށްވެސް، މައުލޫމާތު ދިން މީހާއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
ޕްރިތީ ފިލްމީ ދާއިރާއަށް ތައާރަފުވީ، "ދިލް ސޭ" ކިޔާ ފިލްމަކުންނެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، ވީރްޒާރާ، ކަލްހޯނަހޯ އަދި ކޮއި މިލްގަޔާވެސް ފާހަގަކޮށްލެވެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ނަޗްބަލިޔޭގެ ހަތް ވަނަ ޝޯވްގެ ޖަޖެއްގެ ގޮތުގަައެވެ.