20 Feb 2016, 09:11
ޒަމާން ތަރައްގީވެ އިންސާނުންގެ ކެއުމުގެ ވައްޓަފާޅިއަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ތާޒާ މޭވާ އާއި ތަރުކާރީ ކެއުމުގެ ބަދަލުގައި، އިސްކަން ދެވެނީ ބަންދުކޮށްފައިވާ ނުވަތަ ޕެކެޓުކޮށްފައި ހުންނަ ތަފާތު ބާވަތްތައް ކެއުމަށެވެ.
ގޭގައި ކެއްކުމުގެ ބަދަލުގައި އިސްކަން ދެވެނީ ބޭރުން ކެއުމަށެވެ. ނުވަތަ ކޮންމެ ވެސް ތަނަކުން އޯޑަރު ކޮށްގެން ކެއުމަށެވެ. ހަމައެހެންމެ، ތާޒާ ޖޫސް ތައްޔާރު ކުރުމުގެ ބަދަލުގައި އިސްކަން ދެވެނީ، ބަންދުކޮށްފައިވާ ދަޅުތަކާއި ޕެކެޓުތައް ބުއިމަށެވެ.
އެ އާދަތަކުގެ ސަބަބުން ހަށިގަނޑު ވަނީ ތަފާތު ނުރައްކާތެރި ކެމިކަލް ތަކުންނާއި މާއްދާތަކުން ފުރިފަ އެވެ. ހަމައެއާ އެކު، އެފަދަ ނުރައްކާތެރި ކެމިކަލްތަކުންނާއި މާއްދާތަކުން ހަށިގަނޑު ސާފު ކުރުމަށް ހަށިގަނޑުގައިވާ ގުނަވަންތަކަށް ވެސް ވަނީ ނުކުޅެދިފަ އެވެ.
އެހެންކަމުން، ކެއުމުގެ ވައްޓަފާޅި ބަދަލު ކުރަން ޖެހެ އެވެ. ގޭގައި ތައްޔާރު ކުރާ ކާނާ ކެއުމަށް އިސްކަން ދޭން ޖެހެއެވެ. ތާޒާ މޭވާ އާއި ތަރުކާރީ ކެއުމަށް އިސްކަން ދޭން ޖެހެ އެވެ. ހަމައެއާ އެކު، ބަންދުކޮށްފައި ހުންނަ އުފެއްދުންތައް ބޭނުން ކުރުންވެސް ހުއްޓާލަން ޖެހެ އެވެ.
އެގޮތުން، ވީހާވެސް ގިނައިން ފެން ބުއިމާ އެކު، ކަސްރަތުކޮށް، ދުންފަތާ ދުރުހެލިވުން މުހިއްމެވެ. ކުރުގޮތަކަށް ބުނާ ނަމަ "ހެލްދީ ލައިފްސްޓައިލް" އެއްް ގެންގުޅުން ވަރަށް މުހިއްމެވެ. ނޫން ނަމަ، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށް ތިބާގެ ހަށިގަނޑު ވެދާނެ އެވެ.
ކުރިންވެސް ފާހަގަ ކުރެވުނު ފަދައިން، ކެއުމުގެ ވައްޓަފާޅި ބައްޓަން ކޮށްފައިވާ ގޮތުން ހަށިގަނޑު ސާފު ކުރުމަށް އެ ހަށިގަނޑުގައިވާ ގުނަވަންތަކަށް ވެސް ވަނީ ނުކުޅެދިފަ އެވެ. އެހެންކަމުން، ހަށިގަނޑު ސާފުކޮށް ހަކަތަ ލިއްބައިދޭ ބުއިމަކަށް ބަލާލާނަމެވެ.
ބޭނުންވާ ތަކެތި: މީޑިއަމް ސައިޒްގެ ހަތަރު އާފަލު، އެއް ލުނބޯ، މޭޒުމަތީ ސަމްސާގެ ތިން ގާނާފައިވާ އިނގުރު، އެއް ތަށި ފެން
ތައްޔާރު ކުރާނެ ގޮތް: ލުނބޮ އާއި އާފަލުތަކުގެ ތޮށި މަށާށެވެ. އަދި އެއަށް ފަހު، އިނގުރާއި ކޮށާފައިވާ ލުނބޯ އާއި އާފަލުތައް ފެނަށް އެޅުމަށް ފަހު ގްރައިންޑު ކޮށްލާށެވެ.
މި ތައްޔާރު ކުރި ޖޫސް ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާ ކުރިން ބޭނުން ކުރާށެވެ. ހަށިގަނޑުގެ ހަކަތަ އިތުރުކުރުމާ އެކު، ހަށިގަނޑު ސާފު ވެސް ކޮށްދޭނެ އެވެ.