އިންޑިއާގެ މުމްބާއީގެ އިމާރާތެއްގެ ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއްގެ ބޮލަށް ހެރި، ދެ ދިމާލަކުން ބޯ "ތޮރުފައިލި" ދަގަނޑެއް، އޮޕަރޭޝަނެއް ކޮށްގެން ނަގައިފި އެވެ.

މީޑިޔާގައި ރިޕޯޓު ކުރެވިފައިވާ ގޮތުން، މުހައްމަދު ގުއްދޫ ނަމަކަށް ކިޔާ މި މީހާގެ ބޮލަށް ހެރުނީ، އޭނާ މަސައްކަތް ކުރަމުން ދިޔަ އިމާރާތުގެ މަތިން ވެއްޓުނު ހިމަ ދިގު ދަގަނޑެކެވެ. އެ ދަގަނޑު ހެރިފައި ވަނީ އޭނާގެ ބޮލުގެ މެދުން، ބޯ ހުރަސްކޮށެވެ. އެ ދަގަނޑު ވަނީ އޭނާ ފުއްކިބައިން ވެސް ނުކުމެ، ބޮލުގެ ނާށިގަނޑުން ދެ ދިމާލަކުން "ތޮރުފައިލާފަ" އެވެ.

އުމުރުން 24 އަހަރުގެ މުހައްމަދު ގުއްދޫ ސަލާމަތް ކުރުމަށް ޓަކައި ވަގުތުން އޭނާ ވަނީ މުމްބާއީގެ ސަޔަން ހޮސްޕިޓަލަށް ގެންދެވިފަ އެވެ. އަދި އެ ހޮސްޕިޓަލުގެ ނިއުރޯ ސާޖަނުން ވަނީ ވަގުތުން އެމަޖެންސީ ސާޖަރީއެއް ހަދައި އޭނާގެ ބޮލުން ދަގަނޑު ނަގައިފަ އެވެ.

ޑޮކްޓަރުން ބުނީ، މުހައްމަދުގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ވާތް ފަރާތް ޕެރެލައިޒް ވެފައި ހުރި ނަމަވެސް، ތިން މަސް ދުވަހުގެ ތެރޭގައި އޭނާ މުޅިން ރަނގަޅު ވާނެ ކަމަށެވެ.

"އޭނާގެ ސިކުނޑީގެ މައި ނާރުތަކަށް ގެއްލުމެއް ވެފައެއް ނުވޭ. ލޭ ދައުރުކޮށްދޭ ނާރުތަކަށް ވެސް ގެއްލުމެއް ނުވޭ،" ޑޮކްޓަރު ބުންޏެވެ.

މަސްދަރު:ދަ މިރަރ ޔޫކޭ