އާޖެންޓީނާގެ ގޮނޑުދޮށެއްގެ މޫދުން ނެގި ކުޑަ ކޯމަހަކާއި އެކު ގިނަ ބަޔަކު ސެލްފީ ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ކޯމަސް މަރުވެއްޖެ އެވެ.

އިންޓަނެޓުގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުން، ބަޔަކު ވަނީ ކުޑަ ކޯމަހެއް މޫދުން ނަގައި، ފަހަރަކު މީހަކު އެ ކޯމަހާ އެކު ސެލްފީ ނަގައި، ކޯމަސް މޫދަށް ދޫނުކޮށްލައި ގިނަ އިރުތަކެއް ހޭދަ ކޮށްފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، ކޯމަސް އެކަކުގެ އަތުން އަނެކަކުގެ އަތަށް "ޕާސް"ކޮށް، ގިނަ ބަޔަކު ދިޔައީ ސެލްފީ ނަގަމުންނެވެ.

ފެނުގައި ދިރިއުޅޭ ކޯމަސް މޫދަށް ދޫ ނުކޮށްލައި ގިނައިރު ވުމާއި އެކު އެ މަސް ވަނީ މަރުވެފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ވަކި ހިސާބަކުން، މީހަކު ވަނީ ކޯމަސް ބީޗުގެ ވެލިގަނޑު މަތީގައި ބާއްވައިފަ އެވެ. އަދި ގިނަ ބަޔަކު އެއަށް ފަހު ވަނީ އެ ކޯމަހުގައި ފިރުމައި ހަދައިފަ އެވެ.

މި ވީޑިއޯއިން ފެންނަމުން ދިޔަ މަންޒަރުތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އާޖެންޓީނާގެ ވައިލްޑްލައިފް އޯގަނައިޒޭޝަނަކުން ނެރުނު ބަޔާނެއްގައި ވަނީ މި އަމަލު ކުށްވެރިކޮށްފަ އެވެ. އަދި އެ ޖަމިއްޔާއިން ބުނެފައިވަނީ، އަތިރިމައްޗާއި މާ ކައިރިން ކޯމަހެއް ފެނުނު ކަމުގައި ވިޔަސް އެފަދަ ކޯމަސް ނުހިފުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

މަސްދަރު:ސީއެންއެން