23 Apr 2011, 23:15
ހދ. ކުޅުދުއްފުށީގައި ކާރަކާއި ބައިސްކަލެއްޖެހި، ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10:00 ޖަހާ އެހާކަން ހާއިރު ކުޅުދުއްފުށީގައި ކާރަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުއްޖާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެކްސިޑެންޓްގައި އެކުއްޖާގެ ދަތްދޮޅިއަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
"ދަތްދޮޅިއާ ދިމާލުން ޒަމަތްކެއް ލިބިފައި ހުރި ކަމަށްވަނީ. ނަމަވެސް އޭނަގެ ހާލު އެހާ ސިރިއަސްއެއް ނޫން،" ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ޝީޒާ އިބްރާހިމް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އެމެޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ވެސް ރަގަނޅު ކަމަށެވެ. ނަމަވެސް ކަށީގެ ޑޮކްޓަރުންނާއި އެތެރެހަށީގެ ޑޮކްޓަރުން ވެސް އެކުއްޖާ އަށް ސީރިއަސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން އަންނަ ކަމަށް ޝީޒާ ވިދާޅުވި އެވެ.