އެމެރިކާގައި އިނގިރޭސި ބަހުގެ އަދަބިއްޔާތުގެ "ކްލެސިކް"އެއްގެ ގޮތުގައި ބެލެވޭ، 1960ގައި ޝާއިޢުކުރެވުނު ނާވިލު "ޓު ކިލް އަ މޮކިންގްބާޑް"ގެ ލިޔުންތެރިޔާ ހާޕާ ލީ މަރުވެއްޖެ އެވެ.

ހާޕާ ލީގެ އާއިލާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާ އިއްޔެ ހެނދުނު މަރުވެފައިވާ ކަމަށެވެ. އަދި 89 އަހަރުގެ ހާޕާ މަރުވެފައި ވަނީ މުސްކުޅި ބަލީގައި ކަމަށާއި މަރުވުމާ ހަމައަށް ވެސް އޭނާ ހުރީ ހެޔޮ ހާލުގައި، ދުޅަހެޔޮ ސިއްހަތެއްގައި ކަމަށެވެ.

ހާޕާގެ އެންމެ ކާމިޔާބު ފޮތް އަދި އޭނާ ލިޔުނު އެންމެ ފުރަތަމަ ވާހަކަ "ޓު ކިލް އަ މޮކިންގްބާޑް"އަކީ، މުޅި ދުނިޔޭގެ ވެސް މަޝްހޫރުކަން ހޯދާފައިވާ ފޮތެކެވެ. މި ވާހަކަ ބިނާވަނީ، 1960ގެ އަހަރުތަކުގައި އެމެރިކާގައި ނަސްލީ ތަފާތު ކުރުމާ އެކު، އެެމެރިކާގެ ޓައުނެއްގައި ރޭޕްގެ ތުހުމަތު އެޅިފައި ހުރި ކަޅު ނަސްލުގެ ފިރިހެނެއްގެ ދިފާއުގައި ވަކާލާތު ކޮށްދޭ ވަކީލެއްގެ ހަ އަހަރުގެ ދަރިފުޅުގެ ނަޒަރުގައި، މި މައްސަލަ ހިނގައިދިޔަ ގޮތެވެ.

މި ވާހަކައިގެ މަޝްހޫރުކަން 1960 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފާއިތުވި 55 އަހަރުވީ އިރު ވެސް ފިލައި ގޮސްފައި ނުވެ އެވެ. މިހާރު ފިލްމީ ދާއިރާގެ ބައެއް ފިލްމުތަކާއި ޓީވީ ސީރީޒްތަކުގައި ވެސް އިނގިރޭސި އަދަބިއްޔާތު ކްލާހެއްގެ މަންޒަރު ދައްކާ ނަމަ، ގިނަ ފަހަރަށް އެ މަންޒަރުން ފެންނާނީ "ޓު ކިލް އަ މޮކިންގްބާޑް" ވާހަކަ ދިރާޒާ ކުރާ ތަނެވެ.

ހާޕާ އުމުރުން 89 އަހަރުގައި މަރުވެފައިވާ އިރު، އޭނާގެ ނަމުގައި ޕަބްލިޝް ކޮށްފައިވަނީ އެންމެ ދެ ވާހަކަ ފޮތެވެ. އެއީ 1960 ވަނަ އަހަރު ނެރުނު "ޓު ކިލް އަ މޮކިންގްބާޑް"އާއި، 2015 ވަނަ އަހަރު ނެރުނު ފޮތް "ގޯ ސެޓް އަ ވޮޗްމޭން" އެވެ.

"ޓު ކިލް އަ މޮކިންގްބާޑް"ގެ ކާމިޔާބާ އެކު، 1966 ވަނަ އަހަރު އެމެރިކާގެ ރައީސް ލިންޑަން ޖޯންސަން ވަނީ ހާޕާ ލީ އެމެރިކާގެ ނޭޝަނަލް ކައުންސިލް އޮފް އާޓްސްގެ މެމްބަރުކަމަށް އައްޔަނު ކުރައްވައިފަ އެވެ. ދެހާސް ހަތް ވަނަ އަހަރު ރައީސް ޖޯޖް ވޯކާ ބުޝް، ހާޕާ އަށް ޕްރެސިޑެންޝަލް މެޑަލް އޮފް ފްރީޑަމްގެ ޝަރަފު އެރުއްވި އިރު، 2010 ވަނަ އަހަރު ރައީސް ބަރަކް އޮބާމާ ވަނީ ހާޕާ އަށް ނޭޝަނަލް މެޑަލް އޮފް އާޓްސްގެ ޝަރަފު އަރުއްވައިފަ އެވެ.