އިންޑިއާގެ ބޮޑެތި ޔުނިވާސިޓީތަކުގެ ގޯތިތެރޭގައި ގިނަ ބަޔަކަށް ފެންނަ ގޮތަށް، އިންޑިއާގެ ގައުމީ ދިދަ ނެގުމަށް އިންޑިއާ ސަރުކާރުން އަންގައިފި އެވެ.

އިންޑިއާގެ ތައުލީމީ ދާއިރާ ބަލަހައްޓާ އެގައުމުގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސެސްއިން ވަނީ، ސަރުކާރުން ބަޖެޓު ދީގެން ހިންގާ 46 ޔުނިވާސިޓީއެއްގެ ވެރީންނާ އެކު ބައްދަލުކޮށްފަ އެވެ. މިނިސްޓަރު ސްމްރިޓީ އިރާނީ ޔުނިވާސިޓީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އެ ޔުނިވާސިޓީތަކުން ވަނީ ޔުނިވާސިޓީ ގޯތިތެރޭގައި ގައުމީ ދިދަ ނެގުމަށް އެއްބަސް ވެފަ އެވެ.

އިންޑިއާ ސަރުކާރުން ޔުނިވާސިޓީތަކަށް އަންގާފައި ވަނީ ވެރިރަށް ނިއު ދިއްލީގެ ސެންޓްރަލް ޕާކްގެ މެދުގައި ނަގާފައި ހުރި ދިދައާއި އެއްފަދަ ދިދައެއް ނެގުމަށެވެ. މި ދިދައިގެ ދަނޑީގެ އުސްމިނަކީ 207 ފޫޓެވެ. މިއީ އެމެރިކާގެ ނިއު ޔޯކްގެ ސްޓެޗޫ އޮފް ލިބަޓީ ބުދުގެ އުސްމިނެވެ.

މީގެ އިތުރުން، މި ދިދައަކީ މާސިންގާ، ބޮޑު ދިދަ އެކެވެ. ދިދައިގެ ދިގުމިނުގައި 90 ފޫޓު ހުންނަ އިރު، ފުޅާމިނުގައި 60 ފޫޓު ހުންނާނެ އެވެ. ޑެނިއަރ ޕޮލިއެސްޓަރ ނަމަކަށް ކިޔާ މެޓީރިޔަލަކުން އުފައްދާފައި ހުންނަ މި ދިދައިގައި އެކަނި، 35 ކިލޯގްރާމް ހުންނާނެ އެވެ.

އިންޑިއާގެ ގައުމީ ދިދަ، ޔުނިވާސިޓީ ކެމްޕަސްތަކުގައި ނެގުމަށް އަންގާފައި މި ވަނީ، ކަޝްމީރުގެ ބަތަލެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރި ދުވަހުގެ ހަނދާނުގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވެގެން، ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީގެ ދަރިވަރަކު "ދައުލަތާ އިދިކޮޅު ހަރަކާތެއްގައި ބައިވެރިވި"ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން، އެކަމާ ހިތްހަމަ ނުޖެހި ގިނަ ޔުނިވާސިޓީތަކެއްގެ ދަރިވަރުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މުޒާހަރާ ކުރާ ދަރިވަރުން ބުނަމުން ދަނީ، އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާއި ފުލުހުންގެ އިސްވެރިންގެ ހިތުގައި ގައުމިއްޔަތުގެ އެއްވެސް މިންވަރެއް ނެތް ކަމަށެވެ.