20 Feb 2016, 03:00
އަންނަ ސީޒަނުގައި މެންޗަސްޓާ ސިޓީގެ ކޯޗުކަމާއި ހަވާލުވާ ގާޑިއޯލާގެ، އިރުޝާދުގެ ދަށުން ކުޅުން ބޭނުންވާ ކަމަށް ޔުއެންޓަސްގެ ޒުވާން ފޯވާޑް ޕައުލް ޕޮގްބާ ބުނެފިއެވެ.
ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ފްރާންސްގެ ހުނަރުވެރި ފޯވާޑް ޕޮގްބާ ބުނީ ގާޑިއޯލާ އަކީ ފުޓްބޯޅައިގެ ތަޖުރިބާ ހުރި އެ ކުޅިވަރު ވަރަށް ރަނގަޅަށް ދަންނަ މޮޅު ކޯޗެއް ކަމަށާއި މުސްތަގްބަލްގައި އޭނާގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާ ކަމަށެވެ.
"ގާޑިއޯލާ އަކީ މުޅި ޓީމަށާއި ކުޅުންތެރިނަނަށް ނުފޫޒް ފޯރުވޭވަރުގެ ކޯޗެއް. ހުރިހާ ކުޅުންތެރިންވެސް އޭނާ އަށް އިޚްތިރާމް ކުރާތަން ފެނިގެން ދަނީ. ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނަކަށް ވާނެ އޭނާއާ އެކު މަސަތްކަތް ކުރަން،" ޕޮގްބާ ބުންޏެވެ.
އޭނާ ބުނީ ގާޑިއޯލާ އަކީ ގިނަ ކުޅުންތެރިން ނަމޫނާ އަކަށް ބަލާ ސަހްސިއްޔަތެއް ކަމަށާއި އޭނާ އެންމެ އިސްކަމެއްދީގެން ކުރާކަމަކީ ކުޅުންތެރިންގެ ހުނަރު އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީކުރުމުގެ މަސަތަކަތް ކަމަށެވެ.
ގާޑިއޯލާއާ އެކު މަސަތްކަތް ކުރަން ބޭނުންވާ ކަން ޕޮގްބާ ހާމަކޮށްފއިވާ އިރު އޭނާ ހޯދުމަށް ދުނިޔޭގެ ބޮޑެތި ކުލަބުތަކަކުން އަންނަނީ ވަރަށް ބޮޑަށް މަސަތްކަތް ކުރަމުންނެވެ. ނަމަވެސް ޔުއެންޓަސް އިން އަންނަނީ އޭނާ ވިއްކުމަށް ދެކޮޅު ހަދަމުންނެވެ.
އުމުރުން 22 އަހަރުގެ ޕޮގްބާ ވަނީ މި ސީޒަނުގައި ޔުއެންޓަސްއަށް ކުޅުނު 33 މެޗުގައި ހަ ގޯލު ކާމިޔާބް ކޮށްދީފައެވެ. އަދި ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު 27 މެޗުގައި އޭނާ ވަނީ ފަސް ގޯލު ކާމިޔާބުކޮށްފައެވެ.