ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ރާއްޖޭގެ އިލްމުވެރިން ތެދުވުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އާޓްފިޝަލް ބީޗުގައި އަދާލަތު ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ރާއްޖޭގައި ތިއްބެވި އިލްމުވެރިން ތެދުވި ފަދައިން މިއަދުގެ ސަރުކާރާ ދެކޮޅަށް ވެސް އިލްމުވެރިން ތެދުވަން ޖެހޭ ކަމަށެވެ. އަދި އެ ދުވަހު އިލްމުވެރިން ވާހަކަ ދެއްކެވި ގޮތަށް މިއަދުގެ ސަރުކާރާ ދެކޮޅަށް ތެދުވެ ވާހަކަދައްކަން ކެރިވަޑައިނުގަންނަވާތީ އޭނާ ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ލާދީނީ އަތުވެއްޖެއްޔާ، މިއަދުގެ ލާދީނިއްޔަތު މާ ބޮޑުޝެއިހް އިލްޔާސް

"ކޮބައިތޯ ކޮންތަނެއްގައިތޯ ތިބީ. އަޅުގަނޑުމެންނާއި ﷲ ސުބުހާނަހޫ ވަތައާލާ މަދަމާ ސުވާލުކުރައްވާ ދުވަހު ކީކޭތޯ އަޅުގަނޑުމެން ދަންނަވާނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ލާދީނީ އަތުވެއްޖިއްޔާ މިއަދުގެ ލާދީނިއްޔަތު މާ ބޮޑު،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުގައި ކަމެއް ގޯސްކޮށް ހިނގާނަމަ އެކަމާ ދެކޮޅަށް ތެދުވެ، ވާހަކަދެއްކުމަކީ ވާޖިބެއް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ދީނީ އިލްމުވެރިން ތިއްބަވަން ޖެހިވަޑައިގަންނަވާނީ މިސްކިތުގައި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"މައާފު ކުރައްވާތި އިއްޒަތްތެރި މެމްބަރުން. ސަތޭކަ ފަހަރު އިއްޒަތްތެރި މެމްބަރު ކީ ކަމުގައި ވިއަސް އިއްޒަތެއް ނާންނާނެ. އެ އިއްޒަތްތެރި މެމްބަރުން ވެސް ވިސްނައިވަޑައިގަންނަވަންވީ އިއްޒަތް ދެއްވަނީ ﷲ ކަން،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ދީނާއި ސިޔާސަތަކީ ވަކި ކުރެވިގެންވާނެ އެއްޗެއް ނޫން ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ ދީނާއި ސިޔާސަތު ވަކި ކުރަން ކަމަށެވެ. މިއަދުގެ ޖަލްސާގައި އޭނާ ވަނީ އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނަށް ވެސް ފާޑުވިދާޅުވެފަ އެވެ.

"މި ދިވެހިރާއްޖޭގައި އެބައޮތް އިސްލާމިކް މިނިސްޓްރީ ކިޔާ ތަނެއް. އެތަނުގައި ތިއްބެވި ބޭފުޅުން ތިއްބެވީ ނިދި ކުރައްވާފަތޯ. ﷲ ގެ މި ކަލާމްފުޅުގައިވާ އާޔަތްތަކަށް ފާޅުގައި އިންކާރުކޮށް ފާޅުގައި ގޮންޖަހަމުންދާއިރުގައި ވެސް އެބޭފުޅުންނާއި ދޭތެރޭ އެއްޗެކޭ ވިދާޅުނުވެ، އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި ހާމަ ކޮށްދިނުމަށްޓަކައި ކަންތައްތައް ބުނެދިނީމަ އެ މީޑިއާގައި ދެއްކުމަށް އިންކާރުކޮށް ގާނޫނުތައް ހަދަނީ ހަމަ ﷲ އަށް ޒައްރެއްގެ މިންވަރުވެސް ބިރު ނެތީތޯ،" އިލްޔާސް ވިދާޅުވި އެވެ.