ޒުވާނުންނަަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ ކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ޒުވާނުން އަހުލުވެރި ކުރުވުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކިއްސަރު ފެއާ އައްޑޫ ސިޓީގައި މިއަދު ހުޅުވައިފި އެވެ.

އައްޑޫ ސިޓީގެ އިކޮޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެއާގައި 40 ސްޓޯލެއް ވަނީ ބައިވެރިވެފަ އެވެ.

މިއަދު އައްޑޫގައި ފެށި "ކިއްސަރު" ފެއާގެ ތެރެއިން: ފޮޓޯ/ ޔޫތު މިނިސްޓްރީ

މިފަހަރުގެ ފެއާގައި 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ޔޫތު މިނިސްޓްރީ އިން މީގެކުރިން ަވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ކިއްސަރު ފެއާ ބާއްވާފައި ވަނީ މާލޭގައެވެ. އެފަހަރުގެ ފެއާގައި ރާއްޖޭގައި މަތީ ތައުލީމު ދޭ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން 31 ސްޓޯލް ބައިވެރިވެފައި ވެއެވެ.