ފަސް ދޮޅަސް މީޓަރުގެ ގައުމީ ރެކޯޑް ދެވަނަ ފަހަރަށް މުގުރާލުމަށް ފަހު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ދަތުރުކޮށްފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިޔަ ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ސާއިދު ހޯދީ މިރޭ އޮތް ސެމީފައިނަލްގައި އަށް އެތުލީޓުންނާއި އެކު ދުވެ ހީޓްގެ ތިންވަނަ ހޯދައިގެންނެވެ.

ސެމީ ފައިނަލުގައި ދުވެ ސާއިދު ފައިނަލުން ޖާގަ ހޯދީ 6.75 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއްވަނައަށް ދިޔަ އީރާންގެ ހަސަން ހުސެއިން 6.66 ސިކުންތުން ރޭސްނިއްމި އިރު ދެވަނައަށް ދިޔަ އޮމާންގެ ބަރަކާތު އަލް ހަރުތީ ރޭސް ނިއްމާފައިވަނީ 6.75 ސިކުންތުންނެވެ.

އޭޝިއާގެ ފައިނަލުން ޖާގަ ލިބިގެން ދިޔަ ސާއިދު އަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ކާމިޔާބު ތަކެއް ހޯދައިދީފައިވާ އެތުލީޓެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑަލް ހޯދައި ބައިނަލްއަގްވާމީ ގޭމްސްއަކުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދައިދިނުމުގެ ޝަރަފު ލިބިގަނެފައެވެ.

މީގެ އިތުރުން މިމަހު ނިމުނު ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ވެސް ރާއްޖެއަށް ލިބުނު ފުރަތަމަ ރިހި މެޑަލް ސާއިދު ވަނީ ހޯދައިދީފައެވެ.