އެމްޑީޕީ އިން މިއަދު މާލޭގެ މަގުތަކުގައި ބޭއްވި ހިނގާލުން ފުލުހުން ހުއްޓުވައިފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ސަން އަށް ވިދާޅުވީ ފުލުހުން އެ ޕާޓީ އަށް އެންގި އެންގުމުގައި ވަނީ ފަރީދީމަގު ސީގަލް ކަންމަތީގައި އެއްވުމެއް ނުބޭއްވޭނެ ކަން ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް އެއްވުމެއް މިއަދު ބާއްވަން އެމްޑީޕީން ނިންމާފައިނުވާނެ ކަމަށާއި ކުރިން ވެސް ނިންމާފައިވާ ގޮތަށް މިއަދު ބާއްވާފައި ވަނީ ހިނގާލުމެއް ކަމަށެވެ.

"އަޅުގަނޑުމެން އެއްވުމެއް ނުބާއްވަން. އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ ހިނގާލުމެއް. މޯލްޑިވްސް ޕޮލިސް ސާވިސް އިން އަޅުގަނޑުމެންނަކަށް ނެތް އަންގާފައެއް ހިނގާލުމެއް ނުބޭއްވޭނެ ކަމަކަށް. އެހެންވީމާ މިއީ ގާނޫނާ ޚިލާފަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް،" އަނަސް ވިދާޅުވި އެވެ.

ފުލުހުން މިއަދު ސަން އަށް ބުނީ "އެމްޑީޕީ އަށް އަންގަން ޖެހޭ އެންގުން ރޭ އޮންނާނީ އަންގާފައި" ކަމަށެވެ.

ނަމަވެސް އެއީ ކޮން އެންގުމެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސީގަލް ކަންމަތީގައި އެއްވުމެއް ނުބޭއްވޭނެ ކަމަށް ލިޔުމުންނާއި ޓެކްސްޓް މެދުވެރިކޮށް އެމްޑީޕީ އަށް އަންގާފައިވާނެ ކަމަށެވެ.

19 ފެބުރުއަރީ 2016: އެމްްޑީޕީއިން މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން --- ސަން ފޮޓޯ: މުހަންމަދު އަފްރާހް

މިއަދުގެ ހިނގާލުން ފެށުމާ އެކު ފުލުހުން ވަނީ ހިނގާލުމުގެ ބައިވެރިންނަށް ހުރަސްއަޅައި ހިނގާލުން ހުއްޓާލުމަށް ތަކުރާރުކޮށް އަންގައިފަ އެވެ. ނަމަވެސް ހިނގާލުމުގެ ބައިވެރިން ފުލުހުންގެ އެ ވާހަކަތަކަށް ބޯލަނބާފައެއް ނުވެ އެވެ.

މިއަދުގެ ހިނގާލުން ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ވެސް ފުލުހުން ވަނީ ހުރަސްއަޅައިފަ އެވެ.

އެމްޑީޕީ އިން މިއަދު ހިނގާލުން ފުރަތަމަ ފެށީ ސީގަލް ކައިރިން ނެވެ. ނަމަވެސް ފަހުން ހިނގާލުމުގެ ބައިވެރިން ފަރީދީމަގުން މަޖީދީމަގާއިވީ ދިމާލަށް މިސްރާބު ޖެހި އެވެ. އަދި ވަކި ހިސާބަކަށް ދިޔަތަނުން ފުލުހުން ހިނގާލުމުގެ ބައިވެރިންނަށް ހުރަސް އެޅި އެވެ. އެމްޑީޕީގެ ހިނގާލުން މިއަދު ނިންމާލީ އިރުއޮށްސި ހައެއް ޖެހިއިރު އެވެ. އެ ޕާޓީން ބުނީ ގާނޫނު އަސާސީގައި ބުނެފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް އެއްވެސް ފަރާތަކުން ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި ބުނީ ކުރިއަށް އޮތްތާނގައި ވެސް އެފަދަ ހަރަކާތްތައް އެޕާޓީން ކުރިއަށް ގެންދާނެ ކަމަށެވެ.