ޓްރިޕޮލީ : ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ގައްޒާފީގެ ބާރުތަކާ ދެމެދު އެންމެ ބޮޑަށް ހަނުރާމަ ހިނގަމުންދާ ރައްކަމަށްވާ މިސްރާތާއިން ގައްޒާފީގެ ބާރުތައް ފައްސާލެވިއްޖެ ކަމަށް އިދިކޮޅު ހަނގުރާމަވެރިން ބުނެފިއެވެ.
އިދިކޮޅު ހަނގުރާމަވެރިންގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި ގައްޒާފީގެ ބާރުތައް މިސްރާތާއިން ފައްސާލެވުނު ނަމަވެސް މިސްރާތާގެ ބައެއް ޢިމާރާތްތަކުގައި ފިލައިގެން ގައްޒާފީގެ ބާރުތަކުގެ ބައެއްމީހުންނާއި ގައްޒާފީއަށް ތާއީދުކުރާ ބައެއް ފަރާތްތައް ހަތިޔާރާއެކު އެބަތިބި ކަމަށާއި އެމީހުންގެ ކިބައިން އެރަށް ސާފުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައެވެ.

ގައްޒާފީގެ ސަރުކާރުގެ ތަރްޖަމާން ޚާލިދް ކަޢީމް ވިދާޅުވީ ގައްޒާފީގެ ބާރުތައް މިސްރާތާއިން ފޭބީ ކަމުގައެވެ. މިސްރާތާގެ ޤަބީލާތަކުން އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތިލާނެ ކަމުގެ ގެރެންޓީ ދީފައިވާ ކަމަށްވެސް ކަޢީމް ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅު ހަނގުރާމަވެރިންގެ ކޮމާންޑަރަކު ވިދާޅުވީ މިސްރާތާ ޙިސާރުކޮށްގެން އެރަށް ހިފުމަށް ގައްޒާފީގެ ބާރުތަކުން ވޭތުވެދިޔަ ދޮޅުމަސްދުވަހު ކުރިމަސައްކަތް ނާކާމިޔާބުވެ އިދިކޮޅު ފަރާތްތަކުގެ ކުރިމަތީގައި ބަލިވާންފެށުމުން އެންމެފަހުން މަޖްބޫރުވެގެން އެބާރުތައް މިސްރާތާއިން ފޭބީ ކަމުގައެވެ. މިއީ، ގައްޒާފީގެ މައްޗަށް އިދިކޮޅު ހަނގުރާމަވެރިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މިސްރާތާގެ ޤަބީލާތައްތިބީ ގައްޒާފީގެ ދިފާޢުގައި ހަނގުރާމަކުރާގޮތަށް ނޫން ކަމަށާއި މިސްރާތާގެ ރައްޔިތުންތިބީ ގައްޒާފީގެ އަނިޔާވެރިކަމުން ސަލާމަތްވުމުގެ އުންމީދުގައި ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.
5 ލައްކައަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މިސްރާތާއަކީ ލީބިޔާގެ އިރުމަތީ އައްސޭރިފަށުގައި ޓްރިޕޮލީގެ އިރުމަތިން 270 ކިލޯމީޓަރުގެ ދުރުގައިވާ ރަށެކެވެ.

ދޮޅު މަސްވަންދެން މިރަށުގައި ހިނގި ހަނގުރާމަތަކުގައި މިރަށުގެ ބޮޑުބައެއް ހަލާކުވެ ރައްޔިތުން ޙާލުގައިޖެހި ދެހާހަށްވުރެ ގިނަމީހުން މިރަށުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެފައިވާ ކަމަށް އެރަށުގެ ބައެއް ޢާންމުންނާއި އިދިކޮޅު ހަނގުރާމަވެރިން ބުނެއެވެ. -- އަލްޖަޒީރާ/ ޖަވާދު