ދޯހާގައި މިހާރު ކުރިއަށްދާ އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު 60 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައި، އެއިވެންޓްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު އޮތް 60 މީޓަރުގެ ދުވުމުގެ އިވެންޓުން ސާއިދު ސެމީ ފައިނަލަށް ހޮވުނީ ހީޓްގެ ތިންވަނަ ހޯދައިގެންނެވެ. އޭނާ މިއަދު ރޭސް ނިންމީ 6.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން މި ރެކޯޑް އޮންނަނީ 2009 ވަނަ އަހަރު އީރާނުގައި ބޭއްވި އޭޝިއަން އިންޑޯ ގޭމްސްގައި 7.27 ސިކުންތުން ރޭސް ނިންމި އިސްމާއިލް ޝަނީމްގެ އަތުގަ އެވެ.

ސާއިދު މިއަދު ސެމީ ފައިނަލަށް ދަތުރުކުރިއިރު އެ އިވެންޓުން 6.67 ސިކުންތުން ރޭސް ނިއްމައިގެން އެއްވަނަ އަށްދިޔައީ ގަތަރުގެ ޓޮސިން އޮގުނޯޑޭ އެވެ. އެ ވެންޓުން ދެ ވަނަ ހޯދި އީރާނުގެ ރެޒާ އަލީ ގަސޭމީ އެވެ. އޭނަ ރޭސް ނިންމީ 6.71 ސިކުންތުންނެވެ.

އެ އިވެންޓުގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ ޒުވާން ދުވުންތެރިޔާ ސަރީސް އަޙުމަދު ވާދަކޮށް ހަތް ވަނައަށް ރޭސް ނިއްމާ ސެމީފައިނަލުގެ ޖާގަވަނީ ގެއްލިފައެވެ. އަދި އަންހެނުންގެ އިވެންޓުން އައިޝަތު ޒާރާ އާތިފް ވެސް ހީޓުގެ 5 ވަނައަށް ރޭސް ނިއްމައި ސެމީއަށް ނުގޮސް ވަނީ ކަޓާފައެވެ.

ސެމީ ފައިނަލަށް ދަތުރު ކުރަނީ ކޮންމެ އިވެންޓަކުން ވެސް އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ހޯދާ އެތުލީޓުންނެވެ. ސެމީ ފައިނަލްގެ ހީޓްތައް ފަށާނީ ރާއްޖޭގަޑިން މިރޭ 8:30 ގައެވެ.