އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ މެންޗަސްޓާ ޔުނައިޓެޑްގެ އެއް ނަންބަރު ގޯލު ކީޕަރު ޑޭވިޑް ޑެހެއާ އަށް އަނިޔާވެ ކޯޗު ލުއިސް ވެން ހާލް އަށް އިތުރު ނުތަނަވަސް ކަމެކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޑެންމާކުގެ އެފްސީ މިޖްލޭންޑް އަތުން 2-1ގެ ނަތީޖާ އަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗުގެ ކުރިން ވޯމްއަޕް ކުރަނިކޮށް ޑެހެއާ އަށް އަނިޔާވެ އެ މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވެން ހާލް ބުނީ ޑެހެއާއަށް ލިބުނު އަނިޔާއާ ގުޅިގެން އެ ކަމުގެ އަސަރު ރޭގެ މެޗުން ވެސް ފެނުނު ކަމަށާއި އަނިޔާގެ ކުޑަ ބޮޑުމިނެއް އިނގޭނީ މިއަދު ހަދާ ސްކޭން ތަކަށް ފަހު ކަމަށެވެ.

"ޑެހެއާގެ ކަކުލަށް އަނިޔާވީ މެޗު ފެށެން 10 ވަަރަކަށް މިނެޓަށް ވެފައިވަނިކޮށް. އެ ކަމުގެ ސަބަބުން ރޭގެ މެޗުގައި ޔުނައިޓެޑަށް ވަރަށް ބޮޑަށް އަސަރުކުރި. މުޅި ޓީމަށް ވެސް މި ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ،" ވެން ހާލް ބުންޏެވެ.

ޑެހެއާ އަށް އަނިޔާވެފައިވާ އިރު ޔުނައިޓުން ލީގްގައި އެންމެ ފަހުން ސަންޑަލޭންޑާއި ކުޅުނު މެޗުގައި ކެޕްޓަން ވޭން ރޫނީއަށް ވެސް ވަނީ އަނިޔާވެ ކުޅުމާއި ދުރަށް ދާންޖެހިފައެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން ލޫކް ޝޯ އާއި އެންޓޯނިއާ ވެލްންސިއާ އާއި އޭޝްލީ ޔަންގް އާއި މައުރޯނޭ ފެލައިނީގެ އިތުރުން ބަސްޓެން ސުވެންސްޓިގާ އާއި އެކު ޖުމްލަ 14 ކުޅުންތެރިންނަށް އަނިޔާވެފައިވާ ކަމަށް ވެންހާލް ވަނީ ބުނެފައެވެ.