19 Feb 2016, 14:47
އިނގިރޭސިވިލާތުގެ ލަންޑަނުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ ހޯދަމުންދާ ކަމުގެ ލިޔެކިއުންތައް ނަޝީދު ފަރުވާ ހޯއްދަވަމުންދާ ހޮސްޕިޓަލު މެދުވެރިކޮށް ފޮނުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ހަސަން އަލީ "ސަން" އަށް މިއަދު ވިދާޅުވީ ބޭސްފަރުވާ އަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ކަރެކްޝަނަށް ފޮނުވާފައިވާ ސިޓީފުޅުގައި ހިމަނާފައި ވަނީ އެންމެ ޑޮކިއުމަންޓެއް ކަމަށެވެ.
"އަޅުގަނޑުމެން {ކަރެކްޝަނަލް ސާވިސް} ނަޝީދަށް އަންގަވާފައި ވާނީ ގަވާއިދުގައި ބުނެފައިވާ ހުރިހާ ޑޮކިއުމަންޓެއް ހަމަކުރުމަށް. އަދި ނަޝީދު ފަރުވާ ހޯއްދަވަމުންދާ ހޮސްޕިޓަލުގެ މެއިލް އެޑްރެހުން އެމަނިކުފާނުގެ ފަރުވާއާ ބެހޭ ލިޔެކިއުންތައް މެއިލް ކޮށްދިނުމަށް ވެސް އަންގާފައި ވާނީ،" ހަސަން ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާއަށް ދިން މުއްދަތަށް އިތުރު ދެ މަސް ދުވަސް އިތުރުކޮށްދެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ކަރެކްޝަސް އިން ބުންޏެވެ.
ބޭސްފަރުވާއަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ބޭސްފަރުވާއަށް އެމަނިކުފާނަށް ވަޑައިގަތީ 30 ދުވަހުގެ މުއްދަށެވެ. ނަމަވެސް ނަޝީދު އެދިވަޑައިގެންފި ނަމަ އެ މުއްދަތު 45 ދުވަހާ ހަމައަށް އިތުރުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.