19 Feb 2016, 14:33
އިދިކޮޅު އެމްޑީޕީން މިއަދު ހަވީރު ސީގަލް ކަންމަތީގައި ބޭއްވުމަށް ހަމަޖައްސާފައިވާ އެއްވުން އެ ސަރަހައްދުގައި ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދު ސީގަލް ކަންމަތީގައި އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުން ނުބޭއްވޭނެ ކަމަށް އެޕާޓީއަށް ލިޔުމަކުންނާއި ޓެކްސްޓު މެސެޖަކުން އަންގާފައިވާ ކަމަށެވެ.
"މިގޮތުން މި އެއްވުން އެސަރަޙައްދުގައި ނުބޭއްވޭނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް އަންގާފައިވަނީ މާދަމާ އަކީ ހަފްތާ ބަންދު ދުވަސް ކަމަށްވެފައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މާދަމާގެ އެއްވުން ބާއްވަން ހަމަޖައްސާފައިވާ ސަރަޙައްދަކީ ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުންނާއި ކުޑަކުދިންނާއި ފަތުރުވެރިން ޒިޔާރަތްކުރާ ސަރަޙައްދަކަށްވުމުން މިފަދަ އެއްވުމެއް ބާއްވާނަމަ އެތައް ބަޔަކަށް އެކަމުގެ ދަތިތައް ފޯރައި އެތައް ބައެއްގެ ޙައްޤުތައް އެކަމުން ގެއްލިގެން ދާނެތީއެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގެ މަގުތައް ގިނަ ވަގުތުތަކަކަށް ބަންދުކުރަން ޖެހުމުން އެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތްތަކަށް އެހެނިހެން ބޭނުންތަކަށް އެސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
އަދި އެކަން އެގޮތަށް ނިންމީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ދެވަނަ އަކުރާއި ތިންވަނަ އަކުރާއި ފަސްވަނަ އަކުރު އަދި ހަ ވަނަ އަކުރުގައި ބުނާ ކަންކަން ދެމެހެއްޓުމާއި އަދި އެ ގާނޫނުގެ 40 ވަނަ މާއްދާ އާއި 41 ވަނަ މާއްދާގައި ބުނާ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.