19 Feb 2016, 14:46
ވޮޝިންޓަން (ފެބްރުއަރީ 19) : ޒިކާ ވައިރަސް ފެތުމާ ދެކޮޅަށް އެންމެބޮޑަށް މަސައްކަތްކުރާ ގައުމުތަކަށް 150 މިލިޔަން ޑޮލަރުގެ އެހީއެއްދޭނެކަން ވޯލްޑް ބޭންކުން ހާމަކޮށްފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒިކާ ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކުގެ ސިއްޙަތާ ބެހޭ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ޓަކައި އަވަސް އެހީގެ ގޮތުގައި 150 މިލިޔަން ޑޮލަރު އެގައުމުތަކަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށާ ވަރަށް އަވަހަށް މިފައިސާ ދޫކުރާނެ ކަމުގަ އެވެ. ޒިކާ ވައިރަސް ފެތުރެމުންދާ މިންވަރަށް ބަލާ ނަމަ އެވައިރަސްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް މިއަހަރު ތެރޭގައި 3.5 ބިލިޔަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކުރެ އެވެ. ޒިކާ ވައިރަސް ފެތުރެމުންދާ ގައުމުތަކަކީ އިގްތިސާދީ ގޮތުން މެދު ފަންތީގެ ގައުމުތަކާއި ފަގީރު ގައުމުތަކެވެ. މީގެތެރޭގައި ލެޓިން އެމެރިކާގެ ގައުމުތަކާއި ކެރީބަޔަންގެ ގައުމުތައް ހިމެނެ އެވެ.
ޒިކާ ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކުގެ ތެރޭން ވޯލްޑް ބޭންކުގެ އެހީ ލިބޭގައުމުތައް އެބޭންކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔުންގް ކިމް ވަނީ ގިނަ ގައުމުތަކަކަށް އަވަސް ގޮތެއްގައި މާލީ އެހީ ބޭނުންވާކަމަށް ވިދާޅުވެފަ އެވެ. ޒިކާ ވައިރަސްއާ ދެކޮޅަށް ކުރަން ޖެހޭ ޚަރަދަށް ބަލާއިރު ވޯލްޑް ބޭންކުން ދިނުމަށް ނިންމި މިއެހީއަކީ ވަރަށް ކުޑަމިންވަރެއް ކަމަށް މުރާސިލުން ބުނެ އެވެ. ޒިކާ ވައިރަސް 23 ގައުމަކަށް ފެތުރިފައިވާ އިރު މިވައިރަސްގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ތަހައްމަލް ކުރަމުން ގެންދަނީ ބްރަޒީލްއާއި ކޮލަންބިޔާ ފަދަ ލެޓިން އެމެރިކާގެ ގައުމުތަކުންނެވެ.
ޒިކާ ވައިރަސް ޖެހިފައިވާ މާބަނޑު އަންހެނުން ވިހާ ކުދިންގެ ސިކުނޑީގެ ޓީޝޫތައް ހަލާކުވެ އެކުދިންގެ ބޮލުގެ ނާށިގަނޑު އައިބު ވާކަމަށް ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ. (ރޮއިޓާސް)