23 Apr 2011, 22:20
ދިމިޝްޤު : ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ގެންދާ ރައްޔިތުންނާ ދެކޮޅަށް އެޤައުމުގެ ސަރުކާރުން އާދަޔާ ޚިލާފަށް ބާރުގެބޭނުންކުރާ މައްސަލަ ދުނިޔޭގެ ޤައުމުތަކުން ކުށްވެރކުރަމުން އެބަގެންދެއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް ތެދުވާ ރައްޔިތުން މެރުމަކީ ސޫރިޔާ ސަރުކާރުން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށާއި މިޖަރީމާތަކުގެ ފަހަތުގައިވާ ފަރާތައް އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރެވެންޖެހޭނެކަމުގައެވެ.
އެމެރިކާގެ އިތުރުން މިމައްސަލާގައި ސޫރިޔާ ކުށްވެރިކޮށް ބަޔާންތައް ދިން ފަރާތްތަކުގެ ތެރޭގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއާއި އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގްއާއި ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ހިމެނިވަޑައިގަންނަވައެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ނިޒާމް ވައްޓާލުމަށް ގޮވާލައި އިއްޔެއާއި މިއަދު އެޤައުމުގެ އެކިރައްތަކުގައި ރައްޔިތުންގެ އެތައްލައްކަބަޔަކު ކުރި މުޒާހަރާތަކަށް ސޫރިޔާގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުން 100 އެއްހާ މީހުން މަރުވެ އެތަށްސަތޭކަބަޔަކު ޒަޚަމްވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ސޫރިޔާ ސަރުކާރުން ބުނީ މުޒާހަރާކުރީ އާންމުން ނޫންކަމަށާއި ޖަރީމާތައް ހިންގަމުންގެންދާ ގޭންގް ގްރޫޕްތަކެއް ގުޅިގެން ކަމުގައެވެ. މިބައިމީހުން މައިތިރިކުރުމަށް ބަޑިނުޖަހާ ކަމަށާއި ބޭނުންކުރީ ލަޓިބުރިއާއި ކަރުނަގޭސް ކަމަށްވެސް ސަރުކާރުން ބުނެއެވެ.
މިއީ ސޫރިޔާގެ ވެރިކަން ވައްޓާލައި އެޤައުމަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމަށް ގޮވާލައި މީގެ މަހެއްހާ ދުވަސްކުރިން ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން މިހާބޮޑަށް ބާރުގެ ބޭނުންކުރި ފުރަތަމަ ފަހަރެވެ.
ހުކުރުދުވަހުގެ މުޒާހަރާއަށް ސަލާމަތީ ބަޑިޖަހައި 80 އެއްހާ މީހުން މަރާލިއިރު މަރާލެވުނު މީހުންގެ ހަށިތައް ވަޅުލުމަށް މިއަދު ބޭއްވި ޖަނާޒާއަށް އެއްވިމީހުން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމާއެކު ސަލާމަތީ ބަރުތަކުން ބަޑިޖެހުމުގެ ސަބަބުން ވިއްސަކަށްމީހުން މަރުވި ކަމަށް ޚަބަރުތައް ބުނެއެވެ.
ސޫރިޔާ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް މިޖަރީމާތައް ހިންގީ ރައްޔިތުންއެދުނު ބައެއް އިސްލާޙްތައް ގެނައިކަން ސަރުކާރުން އިޢްލާންކުރިތާ އެއްދުވަސްފަހުންނެވެ. މި އިސްލާޙްތަކުގެ ތެރޭގައި ދައުލަތުގެ ސަލާމަތާބެހޭ ކޯޓު އުވާލުމާއި ކުއްލި ޙާލަތު އުވާލުމާއި ސުލްޙަވެރިކަމާއެކު މުޒާހަރާކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުން ހިމެނެއެވެ.
މިކަމާބެހޭ ރިޔާސީ ލިޔުންތަކުގައި ރައީސް ބައްޝާރުލްއަސަދް ސޮއިކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ. -- އަލްޖަޒީރާ