19 Feb 2016, 10:24
ފުއްޕާހަމެއްގައި ހުންނަ ހަކަތަ ބޭނުންކޮށްގެން ހައި ސްޕީޑު އިންޓަނެޓު ދިނުމަށް ގޫގްލްއިން ލޯންޗުކުރި "ޕްރޮޖެކްޓް ލޫން"ޓެސްޓު ކުރުމަށް ޓަކައި ސްރީލަންކާއަށް ފޮނުވި އެންމެ ފުރަތަމަ ފުއްޕާހަން، ދެ ދުވަސް ވަންދެން ވައިގެ ތެރޭގައި ހުރުމަށް ފަހު ވެއްޓިއްޖެ އެވެ.
ގޫގްލްގެ ފުރަތަމަ "ލޫން" ސްރީލަންކާގެ ވައިގެ ސަރަހައްދު ތެރެއަށް ފެބްރުއަރީ 15 ވީ ހޯމަ ދުވަހު ވަދެފައިވާ އިރު، މި ހަފްތާ ތެރޭގައި ގޫގްލްގެ ޓީމެއް ސްރީލަންކާއަށް ޒިޔާރަތް ވެސް ކޮށްފައިވެ އެވެ.
މި ފުއްޕާހަން ވަނީ 17 ފެބްރުއަރީ ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި، ސްރީލަންކާގެ ކެންޑީ އަވަށުގެ ގަމްޕޯލަ ޓައުންއަށް ވެއްޓިފަ އެވެ. ގަމްޕޯލަގެ ފުލުހުން ބުނީ، ފުއްޕާހަން ވެއްޓުނު ކަމުގެ ޚަބަރު، ލަންކާގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަނުން ފުލުހުންނަށް އަންގާފައިވާ ކަމަށާއި، ފުއްޕާހަން ވެއްޓޭ ހިސާބުން އެހެން ހިސާބަކަށް އެ ގެންދިއުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށެވެ.

ލަންކާގެ ގަމްޕޯލައަށް ވެއްޓުނު ގޫގްލް "ޕްރޮޖެކްޓް ލޫން"ގެ ފުއްޕާހަން -- ފޮޓޯ: ސުރަންގަ ރާޖަނަޔަކަ
އެހެން ނަމަވެސް، ސްރީލަންކާގެ ޓެލެކޮމިއުނިކޭޝަންސް އެންޑް ޑިޖިޓަލް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ހަރިން ފެނާންޑޯ އެރޭ ޓްވީޓުކުރައްވައި ވިދާޅުވީ، ބެލޫން ވެއްޓެމުން ދިޔަ ބެލޫންގެ ފްލައިޓު ކޮންޓްރޯލް ކުރުމަށް ސްޓޭންޑަޑް ޕްރޮސީޖަރތަކާއި އެއްގޮތަށް އެރޭ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދެވުނު ކަމަށެވެ.
ޕްރޮޖެކްޓް ލޫންގެ މަގުސަދަކީ ދުނިޔޭގެ ކުޑަކޮށް ތަރައްގީވެފައިވާ ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމެވެ. މީގެ ކުރިން އޮސްޓްރޭލިއާއާއި އިންޑޮނޭޝިއާގައި ވަނީ އެޕްރޮޖެކްޓުގެ ޓްރަޔަލްތައް ކުރިއަށް ގެންގޮސްފަ އެވެ.
މިމަހުގެ ކުރީކޮޅު ސްރީލަންކާގެ ސަރުކާރުން ވަނީ ޕްރޮޖެކްޓް ލޫން ޓެސްޓު ކުރުމަށް ގޫގުލްއާ އެއްކޮށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ބުނެފަ އެވެ. ޕްރޮޖެކްޓް ފެށުމުން ލަންކާގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އިންޓަނެޓް ސްޕީޑް އަވަސްކޮށް، ހިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
ލަންކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ފުއްޕާހަން ޖައްވުގައި އުޅޭނީ މަތިންދާ ބޯޓު ދުއްވާ އުސްމިނަށް ވުރެ ދެގުނަ މަތީގަ އެވެ. އަދި ފުއްޕާހަން ހަލާކުނުވެ ގާތްގަނޑަކަށް 180 ދުވަހަށް ހުންނާނެ ކަމަށާއި، އެ ހަދާފައި ހުންނަނީ ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ގޮތަށް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
ސްރީލަންކާއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މޮބައިލް ފޯނާއި 3ޖީ ތައާރަފް ކުރި ފުރަތަމަ ގައުމެވެ.
މަސްދަރު: ޑެއިލީ މިރަރ، ދަ ގާޑިއަން