އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ގާނޫނަށް ގެނައި ބަދަލަކާ ގުޅިގެން، ޓެކްސަސްގެ ޔުނިވާސިޓީ އޮފް ޓެކްސަސްގެ ކެމްޕަސްތަކުގައި ދަރިވަރުން ބަޑި ގެންގުޅުމުގެ ހުއްދަ ދިނުމަށް ނިންމައިފި އެވެ.

2015 ވަނަ އަހަރު ޓެކްސަސްގެ ގާނޫނު ހަދާ މަޖިލީހުން ވަނީ، ބަޑި ގެންގުޅުމުގެ ހުއްދަ ދީފައި ހުންނަ މީހުން، ޓެކްސަސްގެ އާންމު ކޮލެޖުތަކުގެ ކެމްޕަސްތަކާއި އިމާރާތްތަކުގައި ވެސް ބަޑި ގެންގުޅުމުގެ ހުއްދަ ދީފަ އެވެ.

މިކަމާ ގުޅިގެން ޔުނިވާސިޓީ އޮފް ޓެކްސަސްގެ ރައީސް ގްރެގަރީ ފެންވެޒް މިދިޔަ ބުދަ ދުވަހު ވަނީ މި ގާނޫނަށް އަމަލު ކުރުމުގެ ގޮތުން އެ ޔުނިވާސިޓީގައި ބަޑި ގެންގުޅުމުގެ ހުއްދަ ދިނުމަށް ނިންމައިފަ އެވެ.

"އަޅުގަނޑު ވަރަށް ރަނގަޅަށް ބަލައިފިން މި ގާނޫނަށް އަމަލު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް. ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު މި ހުއްދަ ދެނީ. ގާނޫނުގެ ދަށުން، ބަޑި ގެންގުޅުމުގެ ލައިސަންސް އޮތް މީހުންނަށް ޔުނިވާސިޓީ ކެމްޕަހުގައި އެ ގެންގުޅުން މަނާ ކުރުމުގެ ސިޔާސަތެއް އަޅުގަނޑުމެންނަށް ތަންފީޒެއް ނުކުރެވޭ،" ގްރެގަރީ ބުންޏެވެ.

ފާސް ކުރެވުނު ގާނޫނު ބުނާ ގޮތުގައި، ޔުނިވާސިޓީއެއްގައި މި ގާނޫނުގެ ބާރު ހިނގާނީ އެ ޔުނިވާސިޓީގެ ރައީސް އެ ގާނޫނަކަށް އަމަލުކުރަން ފެށުމުންނެވެ.

ޔުނިވާސިޓީ އޮފް ޓެކްސަސްއިން ހާމަ ކުރާ ގޮތުގައި، ގާނޫނުގެ ދަށުން، ބަޑި ގެންގުޅުމުގެ ހުއްދަ ލިބޭނީ 21 އަހަރުން މަތީގެ މީހުންނަށް ވާ އިރު، ބަޑިއެއް ގެންގުޅުމުގެ ލައިސެންސާއި ބަޑި ޔުނިވާސިޓީ ކެމްޕަހުގައި ގެންގުޅުމުގެ ހުއްދަ ލިބޭނެ ދަރިވަރުންނަކީ، އެ ޔުނިވާސިޓީގެ ޖުމްލަ ދަރިވަރުންގެ އަދަދުގެ އެންމެ އިންސައްތައަކަށް ވުރެ ވެސް މަދު އަދަދެކެވެ.

މަސްދަރު: ސީއެންއެން