23 Apr 2011, 20:55
ހުޅުމާލޭގައި މިރޭ ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޒުވާނަކު ޒަޚަމްވެ އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށައި އެ ހާދިސާގައި ޒަހަމްވި ދެމީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ހުޅުމާލޭގައި މިރޭ އެކްސިޑެންޓްގެ ހިނގި މަންޒަރު ދުށް މީހަކު ބުނީ އެކްސިޑެންޓް ހިނގީ ހުޅުލެއަށްދާން އޮންނަ މައި މަގުން ޕިކަޕް ދަތުރުކުރަނިކޮށް އެ މަގާ ގުޅިފައިވާ ގޯޅިއަކުން ބާރު ސްޕީޑްގައި ނުކުތް ސައިކަލެއް ޖެހިގެން ކަމަށެވެ.
މިއެކްސިޑެންޓްގައި ޒަހަމްވީ ކޮން ބައެއް ކަން އަދި ސާފުވާ ގޮތެއް ނުވެ އެވެ. ނަމަވެސް އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ ދެ ފިރިހެނުންނެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޑރ. އަހުމަދު އަޝްރަފު ވިދާޅުވީ އެކްސިޑެންޓެއްގައި ޒަހަމްވި ދެ މީހުން މިރޭ 8.15 ގައި އެހޮސްޕިޓަލަށް ގެނައިރު އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި ވިދާޅުވީ ބޮޑަށް ޒަހަމްވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާއަށް ކަމަށާއި ސައިކަލްގެ ފަހަތުގައި އިން މީހާއަށް ފުން ޒަހަމްތައް ލިބިފައި ނުވާ ކަމަށެވެ.
"ބޮޑަށް ޒަހަމްވި މީހާގެ މޫނުމަތި ވަނީ ވަރަށް ބޮޑަށް ހަލާކު ވެފައި. އަދި އޭނާގެ އެތެރެހައްޓަށް ލޭ އެޅެމުން ދާކަމަށް މިހާރު ވަނީ ބެލެވިފައި. އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ވީހާ އަވަހަކަށް އޭނާ އައިޖީއެމްއެޗަށް ފޮނުވުމަށް،" ޑ. އަޝްރަފް ވިދާޅުވި އެވެ.