18 Feb 2016, 21:44
ރާއްޖޭގެ މޫނުމަތި ރީތިކުރަން ދިވެހި ސަރުކާރުން ހަވާލުކުރި އިނގިރޭސި ވިލާތުގެ އޮމްނިއާ ސްޓްރެޓެޖީ އަށް ފައިސާ ދެއްކީ ސަރުކާރުގެ ރަސްމީ އެކައުންޓުން ކަމަށް ފޮރިން މިނިސްޓްރީ އިން މިރޭ ބުނެފި އެވެ.
ފޮރިން މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އދ.ގެ ވާކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ އަށް ދިވެހިސަރުކާރުން ޖަވާބުދާރީވުމަށް އެހީތެރިވުމަށާއި ރާއްޖޭގެ ގާނޫނީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ސަރުކާރުން އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ އޮމްނިޔާ ސްޓްރެޓަޖީއާ އެކު އެއްބަސްވުމެއް ގާއިމު ކުރި ކަމަށެވެ. އަދި "ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އޮމްނިއާ ސްޓްރެޓެޖީ އަށް ދިވެހި ސަރުކާރުން ފައިސާ ދައްކާފައި ވަނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ސަރުކާރުގެ ރަސްމީ އެކައުންޓުން މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުނީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ ކުންފުނި، އޮމްނިއާ އަށް ދިވެހި ސަރުކާރުން ފައިސާ ދެއްކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަންގައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ކަމަށެވެ. އަދި އެ ކުންފުނި މެދުވެރިކޮށް 200،000 އަށް ވުރެ ގިނަ ޕައުންޑް އެ ކުންފުންޏަށް ދެއްކި ކަމަށެވެ.
ނަމަވެސް ފޮރިން މިނިސްޓްރީ އިން ވަނީ އެވާހަކަ ދޮގުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އޮމްނިއާ ކުންފުނިން ސަރުކާރާ އެކު ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު 19ގެ ނިޔަލަށް ނިންމާލާފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.