މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު މިއަހަރުގެ ޖެނުއަރީމަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 16 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން، ފާއިތުވި ޖަނަވަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ޖުމްލަ 182.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 157.6 މިލިއަން ރުފިޔާއެވެ.

އެ ތަފާސްހިސާބުތަކުގައި ވާގޮތުން ކަސްޓަމްސްއަށް ލިބުނު އާމްދަނީ މިދިޔަ މަހު އިތުރުވެފައިވީ ނަމަވެސް، އެ މުއްދަތުގައި ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު އަދި ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އެފްއޯބީ އަގު ވަނީ ގާތްގަނޑަކަށް 15 ޕަސެންޓް (420 މިލިއަން ރުފިޔާ) ދަށަށް ގޮސްފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު 2.88 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، ފާއިތުވި ޖަނަވަރީ މަހު އެތެރެކުރެވުނު މުދަލުގެ ސީއައިއެފް އަގަކީ 2.46 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސް އިން ބުނީ، މިދިޔަ ޖަނަވަރީ މަހު މުދަލުގެ ސީއައިއެފް އަގު ދަށަށްގޮސްފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާޚިލާފަށް ދަށަށްގޮސްފައިވުމުގެ އިތުރުން، 431 މިލިއަން ރުފިޔާގެ މަތިންދާބޯޓެއް 2015 ޖަނަވަރީ މަހު އެތެރެކޮށްފައިވުމުގެ ސަބަބުން އެ މަހުގެ އިމްޕޯޓު، އަހަރު ދުވަހުގެ އެވްރެޖް މިންވަރަށްވުރެ މަތިވެފައިވާތީ ކަމަށެވެ.

ފާއިތުވި ޖަނަވަރީ މަހު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކަށެވެ. ދެން މެޝިނަރީގެ ބާވަތްތަކަށް ކަމަށެވެ.

  1. ކާބޯތަކެއްޗަށް ސީއައިއެފް 517 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ.

  2. މެޝިނަރީގެ ބާވަތްތަކަށް ސީއައިއެފް 441.4 މިލިއަން ރުފިޔާ ހޭދަކުރެވިފައިވޭ.
  3. ތެލުގެ ބާވަތްތަކަށް ހޭދަކޮށްފައި ވަބީ، ސީއައިފް 234.8 މިލިއަން ރުފިޔާ.

ތެލުގެ ބާވަތްތަކަށް ހަރަދުކޮށްފައިވަނީ، ޖުމްލަ އިމްޕޯޓުގެ 10 ޕަސެންޓެވެ.

މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅައިބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ އެކްސްޕޯޓް ވަނީ 14 ޕަސެންޓް ދަށަށް ގޮސްފައެވެ. އެގޮތުން ހުސްވި ޖަނަވަރީ މަހު 276.5 މިލިއަން ރުފިޔާގެ މުދާ ދިވެހިރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އެފްއޯބީ އަގު 320.1 މިލިއަން ރުފިޔާއަށް އަރައެވެ.

މިދިޔަ ޖަނަވަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ސިންގަޕޫރު، ޔޫއޭއީ، އިންޑިޔާ، ޗައިނާ އަދި ސްރީ ލަންކާއިންނެވެ. އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑް، ސްރީލަންކާ، ފްރާންސް، ޖާމަނީ އަދި އެމެރިކާއަށެވެ.