ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމުގެ ފުރުސަތު ފޯރުކޮށްދިނުމަށް މިދިޔަ އަހަރު 370 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޯލާޝިޕް ސްކީމްގެ ދަށުން ސްކޯލާޝިޕްތަކަށް ހޮވުނު ދަރިވަރުންނާ ލިޔުން ހަވާލު ކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ހަރަދުކޮށްގެން އެތަކެއް ހާސް ކުދިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކިއެކި ލެވެލްތަކުގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ކުދިންނަށް ސްކޯލާޝިޕު ފަހިކޮށްދިނުމަކީ ސަރުކާރަށް އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

"އާބާދީ މިދަނީ ބޮޑު ވަމުން. ކޮންމެ އަހަރަކުން އަހަރަކުން އެތަކެއް ހާސް ކުދިންނެއް އެބަ އިތުރުވޭ. އެހެންކަމުން އެކަން ސަސްޓެއިނެބަލް ގޮތަކަށް ގެންދިއުމަށް އަޅުގަނޑުމެން ވާނީ ލޯނު ސްކީމް ތައާރަފު ކޮށްފައި"، ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ހުޅުވާލާފައިވާ ލޯނު ތަކަކީ ވިޔަފާރީގެ އުސޫލުން ބޭންކުތަކުން ދޫކުރާ ލޯނުތަކާ ވަރަށް ތަފާތު ލޯނުތަކެއް ކަމަށެވެ.

"...އަޅުގަނޑުމެން މިހެން ހުޅުވާލާ ފުރުސަތު ތަކަކީ ވިޔަފާރީގެ އުސޫލުން ބޭންކުތަކުން ދޫކުރާ ލޯނުތަކާ ވަރަށް ތަފާތު ލޯނެއް. އިންޓެރެސްޓު ފްރީ ލޯނުތަކެއް މިދެވެނީ،" ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

މަތީ ތައުލީމު ހާސިލުކުރުމަށް ލޯނަށް އެދި ހުށަހަޅާފައިވާ ކުދިންތަކެއް: ސަން ފައިލް ފޮޓޯ

އޭނާ ވިދާޅުވީ، ސަރުކާރުން ހަރަދުކޮށްގެން ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ލިބޭ ހުރިހާ އިނާޔަތްތައް އަތޮޅު ތެރެއިން މާލެ އައިސް ކިޔަވާ ދަރިވަރުންނަށްވެސް ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތު މިހާރު ބައްޓަން ވެފައިވާ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ މަތީ ތައުލީމް ފަހިކޮށްދިނުމަށްޓަކައި އޭ ލެވެލް ގެ ތިން މާއްދާއިން ސީ ލިބޭ ކޮންމެ ކުއްޖަކަށް މަތީތައުލީމު މިދަންނަވާ ގޮތަށް ލޯނު ފުރުސަތު ފަހިކޮށްދިނުމާ ސްކޯލާޝިޕް ފުރުސަތުތައް ފަހިކޮށް ދިނުން،" ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަހަރެއްގެ މައްޗަށް 2،000 ހާ ކުދިންނަށް މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާ ކަމަށެވެ. އެގޮތުން ތަފާތު ސަބަބު ތަކާހުރެ އެ ފުރުސަތުތަށް ކުރިމަތި ނުލެވޭ ކުދިންނަށްވެސް އެ ފުރުސަތު ހޯދައި ދިނުމަށް ތިން ހަތަރު ފަހަރު މަތިން ހުޅުވާލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.