އަހުމަދު ނަސީމް އަދި ހައްވާ ލުބްނާ

22:00 ސ. ހިތަދޫގައި ރޭ ފަތިހު މަރުވި ބިދޭސީއަކު ވަޅުލުމަށް އޭނާގެ އާއިލާގެ ފަރާތުން ހުއްދަ ނުލިބިގެން ވަޅުނުލެވި އޮންނަތާ 12 ގަޑިއިރަށްވުރެ ގިނައިރުވީފަހުން، އެ ހުއްދަ ލިބުމުން އޭނާ ވަޅުލުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިރޭ ފަށައިފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫގެ އަވަށު ބޯޑުގެ ރައީސް އިބްރާހިމް ޒަރީރް ވިދާޅުވީ، އެމީހާއަކީ ހިތަދޫ ގެއެއްގައި މަސައްކަތްކުރަން އާއިލާއެއްގެ ފަރާތުން ގެނެސްފައި ހުރި އުމުރުން 29 އަހަރުގެ ބަންގުލަދޭޝް މީހެއް ކަމަށެވެ. އަދި އޭނާ މަރުވި ކަމަށް ލަފާކުރެވެނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި ހިތަދޫ ހޮސްޕިޓަލުން މަރު ސާބިތުކޮށްފައިވަނީ ފަތިހު 5:30 ގައި ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

"އޭނަ އޮތީ ދެބުރިގެއްގެ މަތީ ބައިގެ ކޮޓަރިއެއްގައި. ތިރީބައިގައި އާއިލާ މީހުން ދިރިއުޅެމުންދިޔައީ. ދެން ޕޮލިހުންނަށް ލިބުނު ރިޕޯޓަކީ އެމީހުން ނޭވާ ނުލާ ކަމަށް. އެ ރިޕޯޓް ލިބިގެން ފުލުހުން ދިޔައީ އެތަނަށް. އެތަނަށް ގޮސް އިންވެސްޓިގޭޓް ކުރިއިރު ]އާދަޔާހިލާފު[ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ފުލުހުން އަތުން ލިބުނު ރިޕޯޓުގައި އޮތީ. ދެން ނެޗުރަލް ޑެތެއް ]ގުދުރަތީ މަރެއް[ ކަމަށް ހޮސްޕިޓަލުން ވެސް ބުނަނީ،" ޒަރީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިރޭ ފަތިހު އެމީހާ މަރުވުމުން އޭނާ ވަޅުލުމަށް އޭނާގެ އާއިލާގެ ފަރާތުން ހުއްދަ ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ބަންގްލަދޭޝް އެމްބަސީއާ ގުޅިގެން ކުރަމުންދިޔަ ކަމަށާއި އާއިލާއިން އެ ހުއްދަ މިހާރު ދިނުމުން ވަޅުލުމުގެ މަސައްކަތް މިހާރު ފަށައިފި ކަމަށެވެ. "ހުއްދަ ލިބުމުން އަޅުގަނޑުމެން ވަގުތުން ވަޅުލުމުގެ މަސައްކަތް ފަށައިފިން. ގާތްގަނޑަކަށް ގަޑިއިރެއްތެރޭގައި ވަޅުލައި ނިމޭނެ،"

މީގެ ކުރިންވެސް ގުދުރަތީ މަރަކުން މަރުވި ބިދޭސީއަކު، ވަޅުލުމުގެ ހުއްދަ އޭނާގެ އާއިލާގެ ފަރާތުން ނުލިބިގެން އެތައް ދުވަހެއް ވަންދެން ގަލޮޅު ސަހަރާގެ ގަބުރު ރައްކާކުރާ ކޮށާރުގައި ބާއްވައިފަ އޮތެވެ. އެ މައްސަލަ އެންމެފަހުން އޭނާ ގެނައި ކުންފުނީގެ ފަރާތުން ކޯޓަށް ވެއްދުމުން ކޯޓުން ވަނީ ވަޅުލުމުގެ ހުއްދަ ދީފަ އެވެ.

މަރުވާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވުމަށް ބޮޑު ހަރަދެއް ކުރަންޖެހޭތީ، ގިނަ ކުންފުނިތަކުން ބިދޭސީންނާއެކު ހަދައި އެގްރިމެންޓުގައި އާއްމުކޮށް ބުނަނީ، ގުދުރަތީ މަރަކުން މަރުވެއްޖެ ނަމަ ރާއްޖޭގައި ވަޅުލުމުގެ ހުއްދަ އެކުންފުންޏަށް ލިބިގެންވާނެ ކަމަށެވެ.