18 Feb 2016, 16:53
ރާއްޖެއަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ސްރީލަންކާ ސަރުކާރުން އަބަދުވެސް ދެމުން ގެންދާނެކަމުގެ ޔަގީންކަން އެ ގައުމުގެ އާ ސަފީރު، މޭޖާ ޖެނެރަލް (ރިޓަޔަޑް) ބީ.އާރް.ޑަބްލިޔު.އެމް.އާރް.އޭ.ބީ. ތޮރަޑެނިޔަ ދެއްވައިފި އެވެ.
ސަފީރު އެހެން ވިދާޅުވެފައި ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީނަށް އެރުވުމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުންނެވެ.
ސަފީރު ވިދާޅުވީ ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހިދުމަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށެވެ.

ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން -- ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށާއި މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ސްރީލަންކާއަކީ ސަރަޙައްދީ ގޮތުން ވަރަށް ކައިރިކައިރީގައި އޮތް ދެގައުމު ކަމަށާއި މުޅި ދެކުނު އޭޝިޔާ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މި ސަރަހައްދުގެ ވަކިވަކި ގައުމުތަކުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކުރަން ޖެހޭކަމުގައި ވިދާޅުވި އެވެ.
އޭގެ އިތުރުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލައިގެ މައްޗަށްވެސް ދެބޭފުޅުން ވަނީ އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފަ އެވެ. އެގޮތުން، ޓެރަރިޒަމްގެ މައްސަލަ ހައްލު ކުރުމުގައި ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފަ އެވެ.