ވާދަވެރި ބާސެލޯނާއަށް ވުރެ ކުރިއަރަން ބޭނުން ނަމަ އަވަސް އަވަހަށް ކޯޗު ބަދަލު ކުރުން ރެއާލް މެޑްރިޑުން ހުއްޓައިލަން ޖެހޭ ކަމަށް މިދިޔަ މަހު އެޓީމުގެ ކޯޗް ކަމުން ވަކި ކުރި ރަފާ ބެނިޓޭޒް ބުނެފިއެވެ.

ކޯޗް ކަމުން ވަކި ކުރުމަށްފަހު ފުރަތަމަ ފަހަރަށް ދިން މީޑިއާ އިންޓަވިއުގައި އިނގިރޭސި ވިލާތުގެ 'ބީޓީ ސްޕޯޓްސް'ގައި ވާހަކަ ދައްކަމުން ބެނިޓޭޒް ބުނީ، ރެއާލްއިން ބާސާގެ މައްޗަށް ކާމިޔާބު ނުހޯދިގެން އުޅެނީ އެ ކުލަބުން ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ކޯޗުން ބަދަލު ކުރަމުންދާތީ ކަމަށާއި، ކޮންމެ އާ ކޯޗެއް އައިސް ޖެހެނީ އާ ވިސްނުމަކާއެކު އަލުން މަސައްކަތް ފަށައިގަންނަން ކަމަށެވެ.

އޭނާ ބުނީ، ބާސާއަކީ ޚާއްސަ މޮޑެލްއެއްގެ ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި އެއީ އެޓީމަކީ އެހުންނަ ކޯޗެއްގެ މޮޑެލްއަކާއެކު ކުރިއަށްދާ ޓީމަކަށް ވުމުން ކަމަށެވެ.

ރެއާލްއިން ބޭނުން ވަނީ ބާސާއަށް ވުރެ ކުރިއަރަން. ބާސާއަކީ ޚާއްސަ މޮޑެލްއެއްގެ ފުޓްބޯޅައެއް ކުޅޭ ޓީމެއް. އަދި އެއީ ތަފާތު ސްޓައިލެއް. އެކަމަކު ރެއާލުން ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ކޯޗުން ބަދަލު ކުރޭ. ކޮންމެ ކޯޗެއް އައިސް ޖެހެނީ އަލުން މަސައްކަތް ފަށައިގަންނަން. އެއީ ރެއާލަށް ދިމާވާ މައްސަލައަކީ. އެހެންވެ އެޓީމަށް މި ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ކާމިޔާބު ކުރެވުނީ ސްޕެނިޝް ލީގްގެ އެންމެ ތައްޓެއް. ބާސާ ފަސް އަހަރު އެތުލެޓީކޯ އެއް އަހަރު،"ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ރަފާ ބެނިޓޭޒް

ބާސެލޯނާއިން ވޭތު ވެދިޔަ އަށް އަހަރުގެ ކާމިޔާބީ، ރެއާލްގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ދައުރުގައި ރެއާލް އިން ހޯދި ކާމިޔާބީއަށް ވުރެ ދެ ގުނަ އިތުރު ކަމަށާއި އެއީ ބާސާގައި ކޯޗުން އަވަސް އަވަހަށް ބަދަލުނުވެ އެއްވަރެއްގައި ހިފެހެއްޓިގެން ދާތީކަން ބެނިޓޭޒް ފާހަގަ ކުރިއެވެ.

އޭނާ ބުނީ ރެއާލްގެ ކޯޗުކަމުން ވަކި ކުރުމުން ދެރަވި ކަމަށެވެ.

ބެނީޓޭޒް ވަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއަށް ފާޑު ކިޔައި ވާހަކަ ދައްކާފައެވެ. އެގޮތުން ރެއާލް އޭނާ ބައްޓަން ކުރަނީ ވިޔާފަރި އުފެއްދުމެއްގެ ގޮތަށް ކަމަށާއި ވިޔާފާރިއަށް ވިސްނާނަމަ ޕެރޭޒްގެ މަސައްކަތް ރަނގަޅު ކަމަށްވެސް ބެނިޓޭޒް ބުންޏެވެ.

ނަމަވެސް ފުޓްބޯޅައިގައި އެގޮތަށް ވިސްނައިގެން އެއްވަރެއްގައި ނުހިފެހެއްޓޭނެ ކަމަށާއި ބާސާއިން އެއްވަރެއްގައި ހިފެހެއްޓެނީ އެ ކުލަބުން ފުޓްބޯޅައަށް ޓަކައި ހޯދާފައިވާ ހައްލު ތަކުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އެހެންވެ ރެއާލަށް އޮތް އެންމެ ބޮޑު މައްސަލައަކީ އެއީކަމަށް ލިވަޕޫލާއި ޗެލްސީއަށް ވެސް ކޯޗް ކޮށްދިން ބެނިޓޭޒް ބުންޏެވެ.