ރާއްޖެއަށް ކުރި ދަތުރުގެ ތަޖުރިބާ ރަނގަޅު ކަމަށް އޯލް ޕާޓީ ބްރިޓިޝް-މޯލްޑިވްސް ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ) އިން ބުނެފި އެވެ.

އެ ގްރޫޕުން މިހެން ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އާއެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ހާލަތު އެ ވަފުދާ ހިއްސާ ކުރައްވައިފަ އެވެ. އަދި މިސަރުކާރުގެ މުހިންމު ލަނޑުދަނޑިތަކަކީ އިގްތިސޯދީ ތަރައްގީއާއި އަންހެނުންނާއި ޒުވާނުން ބާރުވެރުކުރުވުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އޯލް ޕާޓީ ބްރިޓިޝް-މޯލްޑިވްސް ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ) އިން ރައީސް ޔާމީނާ ބައްދަލުކުރުން -- ފޮޓޯ: ރައީސް އޮފީސް

އެ ބައްދަލުވުމަށް ފަހު އޭޕީޕީޖީ އިން މޫކައި ސުއިޓްސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނުޖެހޭ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު އަމާލް ކުލޫނީ ރާއްޖެއާ ބެހޭ ގޮތުން ދައްކަވަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

އެ ގްރޫޕުން ވަނީ ހަގީގަތާ ހިލާފު ވާހަކަ ދައްކައިގެން ރާއްޖެ ބަދުނާމު ނުކުރުމަށް ވެސް ގޮވާލާފަ އެވެ. އެ ގްރޫޕުން ރާއްޖޭގެ ކަންކަން ބަލައި ސަމާލުކަމަށް ގެނައުމަށް، ރާއްޖެ އަށް ޒިޔާރަތްކޮށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ވަނީ ބައްދަލުކޮށްފަ އެވެ.