އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބުޓްރޯސް ބުޓްރޯސް-ގާލީ އަވަހާރަވުމާ ގުޅިގެން، އދ.ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބަން-ކީ-މޫންއަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް ޔާމީންގެ ތައުޒިޔާގެ މެސެޖުގައި ބުޓްރޯސް-ގާލީ ކުރައްވާފައިވާ ނަމޫނާ މަސައްކަތްޕުޅުތަކުގެ ސަބަބުން އެމަނިކުފާނުގެ ހަނދާންތައް މީހުންގެ ހިތްތަކުގައި އަބަދު ވެސް އަވާނެކަމަށް ވިދާޅުވެފައިވެ އެވެ. އަދި ބައިބައިވުމާއި، ސިޔާސީވުމުގެ ގޮތުން ފިނި ހަނގުރާމައިގެ ދުވަސްވަރު، ބުޓްރޯސް-ގާލީ ކެތްތެރިކަމާއި ތޫނުފިލިކަމާ އެކު ކުރެއްވި ސުލްހައިގެ މަސައްކަތްޕުޅުތަކަކީ، ކުރިޔަށް އޮތް ޖީލުތަށް ނަމޫނާއަކަށް ބަލާނެ ކަމެއްކަމަށާއި އެކަމުން ގިނަ ބަޔަކު އިބްރަތް ހާސިލް ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އދ.ގެ ފަންސާސްވަނަ އަހަރީ ދުވަހު ބުޓްރޯސް ބުޓްރޯސް-ގާލީ 'ދަ އެޖެންޑާ ފޮ ޕީސް'ގެ ނަމުގައި ހުށަހެޅުއްވި ކަރުދާހަކީ އަދިއަދަށް ދާންދެން ވެސް އދ.ގެ ތަޅުމަށް ހުށަހެޅުނު އެންމެ ރަނގަޅު އެއް ރީފޯމް ޕެކޭޖް،" ރައީސް ޔާމީންގެ މެސެޖުގައިވެ އެވެ.

އދ.ގެ ހަތްދިހަ ވަނަ އަހަރު ފާހަގަކުރަމުންދާ މިދަނޑިވަޅަކީ ތަރައްގީގެ މަގުގައި ގިނަ ކަންތައްތަކެއް ކުރަމުންދާ ދުވަސްވަރެއްކަމުން، ބުޓްރޯސް-ގާލީގެ މަސައްކަތްޕުޅުތަކުން ގިނަ ފިލާވަޅުތަކެއް ދަސްކުރަންވެއްޖެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި ބުޓްރޯސް-ގާލީ ފަދަ ބޭފުޅެއް އަވަހާރަވުމުގެ ހިތާމަ އޮތް ނަމަވެސް، އެންމެންވެސް ބަލަންވީ ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ ގާއިމްކުރުމަށް ޓަކައި އދ. މިހާރަށް ވުރެ ވަރުގަދަކުރުމަށް މަސައްކަތްކުރުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ބަން-ކީ-މޫންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބުޓްރޯސް ބުޓްރޯސް-ގާލީ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައ އދ. އަށާއި، މިސްރުގެ ސަރުކާރަށާއި ރައްޔިތުންނަށާއި އަދި ހާއްސަކޮށް އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައިވެ އެވެ.

ކޭމްޕް ޑޭވިޑް އެކޯޑް އެކުލަވާލި މޭސްތިރިއާ އަދި ޔުނައިޓެޑް ނޭޝަން (އދ)ގެ ހަ ވަނަ ސެކްރެޓަރީ ޖެނެރަލް ބުޓުރޯސް ގާލީ އަވަހާރަވީ މިދިއަ އަންގާރަ ދުވަހު އެވެ. ބުޓުރަސް ގާލީ އަވަހާރަވި އިރު އުމުރަކީ 93 އަހަރެވެ.