އދ.ގެ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް މިރޮސްލޭވް ޖެންކާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ޖެންކާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ޖެންކާގެ މި ދަތުރަކީ ސަރުކާރުގެ ދައުވަތަކަށް ކުރާ ދަތުރެކެވެ. މި ދަތުރުގައި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ރާއްޖޭގެ މަޝްރަހާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރައްވާނެ އެވެ.

ޖެންކާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، އިނގިރޭސި ވިލާތުގެ ޕާލަމެންޓުގައި ގާއިމު ކުރެވިފައިވާ ބްރިޓިޝް-މޯލްޑިވްސް އޯލް-ޕާޓީ ޕާލަމެންޓްރީ ގްރޫޕު (އޭޕީޕީޖީ)ގެ ވަފުދެއް މިވަގުތު ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.