18 Feb 2016, 20:57
ދިވެހިރާއްޖޭގެ ބަޔޯ ސޭފްޓީއާ ގުޅޭ ގޮތުން ހަދާ ތިން ވަނަ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
އެންވަޔަރަންމެންޓު މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ އެ މަސައްކަތު ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު އެވެ.
އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ، މިއަދުގެ މަސައްކަތު ބައްދަލުވުމުގައި ބަޔޯ ސޭފްޓީ ރިޕޯޓާމެދު މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
ހަމައެއާއެކު "ކާޓަހޭނާ ޕްރޮޓޮކޯލް އޮން ބަޔޯ ސޭފްޓީ" އެއްބަސްވުން، އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖޭގެ ފަރާތުން ކުރެވޭނެ ކަންތައްތަކަ ގުޅޭގޮތުން ވެސް އެ މަސައްކަތު ބައްދަލުވުމުގެ މަޝްވަރާ ކޮށްފައިވާ ކަމަށް އެންވަޔަރަންމަންޓު މިނިސްޓްރީން ބުނެއެވެ.
"ކާޓަހޭނާ ޕްރޮޓޮކޯލް އޮން ބަޔޯ ސޭފްޓީ" އެއްބަސް ވުމަކީ ލިވިންގު މޮޑިފައިޑު އޯގަނިޒަމްތައް އިމްޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމުގައި ރަނގަޅު އުސޫލުތަކެއް ގާއިމު ކުރުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ އެއްބަސްވުމެކެވެ.
ހަމައެހެންމެ އެ އެއްބަސްވުން އެކުލަވައިލުމުގެ މަގުސަދުތަކުގެ ތެރޭގައި، ދިރޭތަކެތީގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބިދާނެ ގެއްލުންތަކުން ސަލާމާތްވުމަތްވުން ވެސް ހިމެނެއެވެ.
އެ މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ބައިވެރިވެފައި ވެއެވެ.