ސިފައިންނަށް ތައުލީމާއި ތަމްރީނުދޭ އިދާރާ "ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިއުކޭޝަން" ކޮލެޖަކަށް ބަދަލުކޮށް، ހިދުމަތްތައް ރަނގަޅު ކުރުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޑީއެފް މެޑިކަލް ސާވިސް ގުޅިގެން ކުރިއަށް ގެންދިޔަ ފަސްޓުއެއިޑު ޕްރޮގްރާމް އަދި އޭއީޑީ، ސީޕީއާރު ކޯހުގެ ފުރަތަމަ ބުރު ނިންމުމަށް އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ ޑިފެންސް ޓްރެއިނިން އިންސްޓިޓިއުޓް ކޮލެޖަކަށް ބަދަަލު ކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށާނެ ކަމަށެވެ.

އޭގެ އިތުރުން އިންސްޓިޓިއުޓް ކޮލެޖަކަށް ބަދަަލު ކުރުމަށް ފަހު، ޑިފެންސްގެ ދާއިރާއިން ބޭނުންވާނެ ދިރާސާތައް ހެދުމަށް ރިސާޗް އިންސްޓިޓިއުޓެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އޭރުން އިންސްޓިޓިއުޓުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާ ކުރެވިގެންދާނެ،" މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ސެނަހިޔާ ތަރައްގީ ކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ސެނަހިޔާގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރޭޑިއޯ ޓްރާންސްމިޓް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް އެތަނުގައި ހުރުން ކަމަށެވެ.

ނަމަވެސް އެ ވަސީލަތްތައް ތިލަފުށްޓަށް ބަދަލު ކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި އޭރުން ސެނަހިޔާގެ މަސައްކަތްތައް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"ކުރިން ބިމެއް ހިއްކައިގެން އެކަން ކުރެވެން އޮތީ، އެކަމަކު މިހާރު ތައްޔާރަށް އޮތް ބިމެއް ރައީސް ވަނީ ހަމަޖައްސަވައިދެއްވާފައި،" މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭރުން ސެނަހިޔާއިން އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތްވެސް ފުރިހަމައަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.