18 Feb 2016, 15:19
ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނުޖެހޭ ކަމަށާއި އެފަދަ ފިޔަވަޅު އެޅުމުން ގެއްލުންވާނީ ހަމައެކަނި އާއްމުންނަށް ކަމަށް އޯލް ޕާޓީ ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓަރީ ގުރޫޕް (އޭޕީޕީޖީ) އިން ބުނެފި އެވެ.
މޫކައި ސުއީޓްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޕީޕީޖީގެ ޗެއާމަން އަދި އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރު، ޑޭވިޑް އޭމަސް ވިދާޅުވީ އެ ގްރޫޕުން މާފުށި ޖަލަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ހުރި ގޮޅި ބައްލަވާލެއްވި ކަމަށެވެ.
"އަޅުގަނޑުމެން ދިޔައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ހުރި ގޮޅިއަށް. އަޅުގަނޑުގެ ނަޒަރުން ޔޫކޭގައި އަޅުގަނޑު ޒިޔާރަތްކޮށްފައި ހުރި ހުރިހާ ޖަލަކާ އަޅާ ބަލާ އިރު ނަޝީދު ހުންނެވީ ވަރަށް އަރާމު ތަނެއްގައި. އެތާގައި އުނދޯންޔަކާއި، ޓީވީއަކާއި ފުދޭވަރަކަށް ފަސޭހަ އެނދެއް ހުރި. ނަޝީދުގެ ހައްޔަރުކޮށްފައި ހުރި އިރު އޭނައާ މެދު އަމަލު ކޮށްފައި ވަނީ ރަނގަޅަށް،" އޭޕީޕީޖީގެ ޗެއާމަން އަދި އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރު، ޑޭވިޑް އޭމަސް ވިދާޅުވި އެވެ.
މީގެ އިތުރުން އޭޕީޕީޖީން ވަނީ ރާއްޖޭގެ އިގުތިސާދީ މިނިސްޓަރާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރާ ބައްދަލު ކޮށްފައި ކަމަށާއި އެބައްދަލުވުމުން އެނގިގެން ދިޔައީ ބޭރު ދުނިޔޭގައި ރާއްޖެ ސިފަކޮށްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށެވެ. އެގޮތުން ދުނިޔޭގެ ގައުމުތަކުގެ އާބާދީގެ ނިސްބަތުން ބަލާއިރު ޓެރަރިސްޓުން އެންމެ ގިނައީ ރާއްޖޭގައި ކަމަށް ބުނާ ބުނުމާއި 1800 ސިޔާސީ ގައިދީން ރާއްޖޭގައި ތިބި ކަމަށް ބުނާ ބުނުން އޭމަސް ކުށްވެރި ކުރެއްވި އެވެ.
"މުޅި ޖަލުގައި ވެސް 1800 ގައިދީން ނެތީސް ރާއްޖޭގައި 1800 ސިޔާސީ ގައިދީންތިބި ކަމަށް ބުނުމަކ،ީ އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އެއީ [ރާއްޖޭގެ] އިގުތިސާދަށާއި ފަތުރުވެރިކަމަށް ރަނގަޅު ގޮތެއް ނޫން،" އޭމަސް ވިދާޅުވި އެވެ.
އެހެން ކަމުން، ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ ރާއްޖެ ފަދަ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނުޖެހޭ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން ގެއްލުން ލިބޭނީ އާއްމުންނަަށް ކަމަށް އިނގިރޭސި މަޖިލިސް މެމްބަރު އިއާން ޕިއަސްލީ ވިދާޅުވި އެވެ.
"ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ރާއްޖެއަށް ލިބޭނީ ހަމައެކަނި ގެއްލުން. އެހެންކަމުން ރާއްޖެ ދެކެ ލޯބިވާ ކަމަށް ބުނާ މީހަކު ނުވަތަ ދިވެއްސެއްކަމަށް ބުނާ މީހަކު ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ބޭނުން ވާނީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނުވިސްނޭ،" ޕިއާސްލީ ވިދާޅުވި އެވެ.
އިއްޔެ އޭޕީޕީޖީން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާ ވެސް ބައްދަލު ކޮށްފައި ވާނެ ކަމަށް އެގުރޫޕުން ބުންޏެވެ. އަދި އެމްޑީޕީއާ އެކު އޮތް ބައްދަލުވުމުގައި އެޕާޓީން ރައީސް ޔާމީނަށް ހުށަހަޅަން ބޭނުން "މިނިވަންކަމާއި ޖުޑީޝިއާރީ އާއި ޓެރަރިޒަމް ފަދަ ކަންތަކާ ބެހޭ" ތަފާތު 16 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެޕީޕީޖީން ބުންޏެވެ.