އިންޑިއާގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ޓްރެވަލް ފެއާ، "ވަންވޯލްޑް ޓްރެވަލް މާޓް" ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މުމްބާއީގައި ކުރިއަށްދާ އެ ފެއާގައި ރާއްޖެއިން ބައިވެރިވެފައި ވަނީ އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެންނެވެ. އެގޮތުން އެމްއެމްޕީއާރުސީ އާއެކު ރާއްޖޭގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ 26 ފަރާތަކުން އެ ފެއާގައި ބައިވެރިވެ އެވެ.

އެ ފެއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން 60 ސްކޮޔާމީޓަރުގެ ސަރަހައްދެއްގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯތަކާއި، ބިލްބޯޑުތަކާއި ބެޖާއި ރާއްޖެ އިޝްތިޙާރުކޮށްދޭ ކެރީބޭގްތައް ދަނީ ބަހަމުންނެވެ. އޭގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރު ނުވަތަ ވިޒިޓް މޯލްޑިވްސް އިއާ ގެ ގޮތުގައި 2016 ފާހަގަކުރަމުން އަންނަ އިރު، އެ ހަރަކާތް ވެސް ދަނީ އިޝްތިހާރު ކުރަމުންނެވެ.

މިއަހަރުގެ ފެއާގައި ހޮޓާތަކާއި ރިސޯޓްތަކާއި ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 2500 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ.