18 Feb 2016, 14:44
ޖަލުގައި ތިބޭ ގައިއިދީންގެ ނަފުސާނީ ދުޅަހެޔޮކަން ދެނެގަތުމުގެ ބޭނުމުގައި ގައިދީންގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހަދަން ފަށައިފި އެވެ.
އިއްޔެ ހެނދުނު މާލޭ ޖަލުގައި ފެއްޓި ޕްރޮގްރާމްގެ ދަށުން ގައިދީންގެ ނަފުސާނީ ދުޅަހެޔޮކަން ދެނެގަނެ، ގައިދީންގެ އެސަސްމެންޓް ރިޕޯޓް، ޕެރޯލް ބާޑާއި ކްލެމެންސީ ބޯޑަށް ފޮނުވާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
ކަރެކްޝަން އިން ބުނީ އެސެސްމަންޓް ހެދުމުގެ ސަބަބުން ގައިދީއަކީ ޖަލުގައި ބެހެއްޓޭ ފަދަ ނަފުސާނީ ގޮތުން ދުޅަހެޔޮ ގައިދީއެއްކަން ދެނެގަނެވި، އެމީހުންނަށް ބޭނުންވާ ފަރުވާ ދިނުމުގައި ވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.
އެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒިލާލް ވިދާޅުވީ ގައިދީންގެ ސައިކޮލޮޖިކަލް އެސެސްމެންޓު ހެދުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން މައްސަލަތައް ހައްލު ކުރަން ފަސޭހަވާނެ ކަމަށެވެ.
އެ ޕްރޮގްރާމްގައި ގައިދީންގެ އެސެސްމެންޓް ހަދާނީ މިކްސްޓާރގެ ފައުންޑާ އަދި ސީއީއޯ ކޮންސަލްޓެންޓް ކްލިނިކަލް ސައިކޮލޮޖިކަލް ޑރ. އައިޝަތު އަލީ ނާޒް އެވެ.