ސަލާން ޖެހުމުގައި އުމުރުގެ ބޮޑު ބައި ހޭދަކުރި ނާސިރާ އަބްދުﷲގެ ފަރާތުން އޭނާގެ އާއިލާ އިން، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އާކް އިން މިއަދު ބުނީ އެ ފައިސާ ހޭދަކުރަން ނިންމާފައި ވަނީ ކުޑަކުދިންނަށް އިޖްތިމާއީ ރިވެތި އަދަބުތައް އުގަންނަވައިދިނުމަށާއި "ހަނގާކުރުމުން" ދުރުހެލި ކުރުމަށް އެ ޖަމިއްޔާ އިން ހިންގަމުންދާ "ރެސްޕެކްޓް" ކެމްޕެއިންގެ ހަރަކާތްތަކަށް ކަމަށެވެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް އަލްމަރްހޫމާ ނާސިރާގެ އާއިލާ އިން ދީލަތި އެހީއަށް މިޖަމިއްޔާ އިން ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރުއަދާކުރަން." އާކްއިން ބުންޏެވެ.

ނާސިރާގެ ފަރާތުން މިދިޔަ އަހަރު ވަނީ ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ޓައިނީ ހާޓްސް އޮފް މޯލްޑީވްސް އަށް ވެސް ހަދިޔާކޮށްފަ އެވެ.

ނާސިރާގެ ވާރިސުންގެ ވަކީލު މީގެ ކުރިން ވިދާޅުވެފައި ވަނީ ނާސިރާ އަބްދުﷲ މިލްކިއްޔާތުގައި ހުރި ހުރިހާ ފައިސާއެއް އަމިއްލަ ޖަމްއިއްޔާއަކަށް ނުވަތަ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރާނެ ކަމަށެވެ.

ނާސިރާ މަރުވި އިރު އޭނާގެ ނަމުގައި ބޭންކް އޮފް ސިލޯނުގެ އެކައުންޓެއްގައި 468،000 ރުފިޔާ ހުއްޓެވެ. އެ ފައިސާ ނާސިރާގެ ދެ ވާރިސުންގެ މެދުގައި ބެހުމުން ކޮންމެ މީހަކަށް 240،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

ނާސިރާ މަރުވުމުން އޭނާގެ ތަރިކަ ވާރިސުންގެ މެދުގައި ބަހައިދޭން އެދި ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ. އެ މައްސަލާގައި ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުމުގައި ބުނެފައި ވަނީ ނާސިރާގެ އެއްވެސް ދަރަންޏެއް ނުވަތަ ވަސީއަތެއް ވެސް ނެތް ކަމަށެވެ.

ބާޒާރު މަތީ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވެ ބިއްލޫރި ފުޅި ފަދަ ތަކެތި ވިއްކައި ގޭގެ އަށް މަސް ގެންގޮސް ދިނުމަކީ ނާސިރާކޮށް އުޅުނު މަސައްކަތެވެ. ނާސިރާ މަރުވަންދެން ވެސް އުޅެފައި ވަނީ އާއިލާގެ އެއްވެސް މީހެއްގެ އެހީއަކާ ނުލަ އެވެ.