އޯޕަން އެއިޓް ބޯލް ބިލިއަޑް މުބާރާތުގެ ކާމިޔާބީއަކީ ވޭތުވެދިޔަ ތިން އަހަރުގެ މަސައްކަތް ކަމަށް ރާއްޖޭގެ އެއް ވަނަ ބިލިއަޑް ކުޅުންތެރިންޔާ ދުންޔާޒު މުޙައްމަދު ބުނެފި އެވެ.

މޯލްޑިވްސް ޕޫލް ބިލިއަޑް ކްލަބު ހައުސްގައި ރޭ ކުޅުނު އޯޕަން އެއިޓް ބޯލް ބިލިއަޑް މުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދުންޔާޒް ބުނީ ފައިނަލުގައި އޭނާއަށް އެހާ ބޮޑަށް ތަފާތު ކުޅުމެއް ދެއްކުމުގެ ސަބަބަކީ މުބާރާތްތަކަށް ފޯކަސްކޮށްގެން އޭނާ ކުރި މަސައްކަތް ކަމަށެވެ.

އަހްސަން ހާސިމްއާ ވާދަކޮށް ދުންޔާޒް ޗެމްޕިއަންކަން ހޯދީ ފަސް ފްރޭމްގެ ތަފާތުންނެވެ. އަދި ފަހު ފަސް ފްރޭމްގައި ދުންޔާޒް ކާމިޔާބު ކުރީ އަހްސަން މިސްކޮށްލި ބޯޅައިން ފެށިގެން މުޅި ފްރޭމް އޭނާ ކުޅެގެންނެވެ. އަދި އޭނާ ވަނީ ވަރަށް އުނދަގޫ ބޯޅަތައްވެސް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައެވެ.

އޯޕަން އެއިތްބޯލް ބިލިއަޑް މުބާރާތުގެ ފައިނަލުގައި ވާދަ ކުރި އަހްސަން ހާޝިމް (ކ) އާއި ދުންޔާޒް މުޙައްމަދު (ވ) ސަލާމް ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތި ދެންނެވިހެން ވަރަށް އުނދަގޫ ބޯޅަތައް ވެސް ކާމިޔާބު ކުރެވުނު، އެއީ ހަމަ މިވޭތުވެދިޔަ ތިން އަހަރު އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ކުރި މަސައްކަތް. ވަރަށް ދުވަހުގެ މަސައްކަތުން ނުނީ އެފަދަ ބޯޅަތައް ކާމިޔާބު ނުކުރެވޭނެ،" ދުންޔާޒް ބުންޏެވެ.

އޭނާ ބުނީ ގައުމީ މުބާރާތުގެ ފައިނަލުން ބަލިވި ރެއިން ފެށިގެން މި މުބާރާތް ކާމިޔާބު ކުރުމަށް އަޒުމު ކަނޑައެޅި ކަމަށާއި އޭނާގެ ތަފާތަކީވެސް ކޮންފިޑެންސް އޮތުން ކަމަށެވެ.

ރޭގެ ފައިނަލުން ބަލިބި އަހްސަން ބުނީ އޭނާއަށް އެއްވަރެއްގައި ފްރޭމްތައް ނުގެންދެވުމުގެ ސިއްރަކީ މާބޮޑަށް ހާސްވެގެން ކުޅެން ޖެހުން ކަމަށެވެ.

އަދި ދުންޔާޒަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާއަށް ވުމުން ކޮންމެ ސިޓްވޭޝަނެއްގައި ވެސް އޭނާ އޮވާޓޭކް ކުރާނެކަން އެނގޭ ކަމަށެވެ.