18 Feb 2016, 13:08
ގދ. ތިނަދޫ ކައުންސިލަރު ސައުދު އަލީގެ މައްޗަށް ދައުލަތުން ކުރި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅަން މަސައްކަތް ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލީ 2012 ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި އަލިކިލޭގެފާނު މަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި ހުރެ ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާއި ފައިންތަޅާފައިވާކަމަށް ބުނެއެވެ.
އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ސައުދު އެ ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކިބަސް ލިބިފައިނުވާތީ އެ ދައުވާ ސާބިތުނުވާ ކަމަށެވެ.
"ދައުލަތުން ގދ. ތިނަދޫ، އަބުހަރީއާގެ، ސައުދު އަލީގެ މައްޗަށް ކުޅަ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމުގެ ކުށުގެ މި ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމް ކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.