އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޑީއެފް މެޑިކަލް ސަވިސް ގުޅިގެން ކުރިއަށް ގެންދިޔަ ފަސްޓުއެއިޑު ޕްރޮގްރާމް އަދި އޭއީޑީ، ސީޕީއާރު ކޯހުގެ ފުރަތަމަ ބުރު ނިންމައި ބައިވެރިންނަށް ސެޓުފިކެޓް ހަވާލުކޮށްފި އެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި، ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ކޯސް ފުރިހަމަކޮށް 21 ޓީޗަރަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންގެ ފަރާތުން ވަނީ އެމްއެންޑީއެފް އަށް ހަނދާނީ ފިލައެއް އަރުވައިފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅެއް ކުރިއަށް އެޅިގެން ދިއުމަކީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އަދި ދަރިވަރުންގެ ސަލާމަތަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް އޮތް ތަނުގައި ފެންވަރު ރަނގަޅު ގިނަ ޕްރޮގްރާމްތަކެއް ހިންގަވާނެ ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ.

ފަސްޓްއެއިޑް ކޯހުގެ ދެވަނަ ބުރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ. އެ ކޯސް އަމާޒުކޮށްފައި ވަނީ ހަމައެކަނި މާލޭގެ ސްކޫލުތަކުގައި ކިިޔަވައިދެއްވާ މުދައްރިސުންނަށެވެ. ނަމަވެސް ރެޑް ކްރެސެންޓާ ގުޅިގެން މި އަހަރުގެ މާރިޗު މަހުގެ މެދު ތެރޭގައި، އަތޮޅު ތެރޭގައި މަސައްކަތް ކުރައްވާ މުދައްރިސުންނަށް ވެސް ފަސްޓްއެއިޑް ތަމްރީނުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ މި އަހަރުގެ ފަސްޓް އެއިޑް ތަމްރީނުތަކުގެ ޓާގެޓަކީ 250 ޓީޗަރުން ތަމްރީނު ކުރުން ކަމަށެވެ.