23 Apr 2011, 17:27
ލ. މާމެންދޫގައި ބަޔަކު ކަނޑި އާއި ކަތިވަޅިން ހަމަލަދީ ގދ. ނަޑެއްލާ ކްލައިމެކްސް އަހުމަދު ޝާޒް އައްބާސް23، ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ފަސް މީހުންނާއި ކުޑަކުއްޖާގެ ބަންދުގެ އިތުރުކުރުމުގައި މިއަދު ދިމާވި މައްސަލަތައް ހައްލުކޮށް އެ ފަސް މީހުންނާއި ކުޑަކުއްޖާ އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ޖަހައިދީފި އެވެ.
ފުލުހުން ބުނީ ފަސް މީހުންނާއި ކުޑަކުއްޖާގެ ބަންދުގެ މުއްދަތުރު އިތުރުކޮށްދިނީ ލ. އަތޮޅުގެ އެހެން ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ. ނަމަވެސް އެއީ ކޮން ކޯޓެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ޝާޒަށް ދިން ހަމަލައާ ގުޅިގެން ލ. އަތޮޅުން ހައްޔަރު ކުރި ފަސް މީހުންނާއި 18 އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖާގެ ބަންދުގެ މުއްދަތު މިއަދު 3:00 ޖަހާއިރަށް ހަމަވާތީ ފުލުހުން މިއަދު އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކަށާއި އެ ކޯޓްގެ ގާޒީނަށް ފޯނުން ގުޅައިގެން ބަންދުގެ މުއްދަތު އިތުރު ކުރަން ހެނދުނުން ފެށިގެން މަސައްކަތްކޮށްފައި ވެއެވެ. އަދި ކޯޓްތަކުގެ ގާޒީގެ ގޭގެއަށް ވެސް ފުލުހުންގެ އޮފިޝަލުން ފޮނުވާފައި ވެއެވެ. ނަމަވެސް މުއްދަތުގެ މަޖިލިސް ބޭއްވޭނީ މިރޭގައި ކަމަށް މެޖިސްޓްރޭޓް ކޯޓްތަކުން ކުރިން ވަނީ ބުނެފައެވެ.