އިންޑިއާގެ ކަނޑުގެ ސިފައިން ބޭނުން ކުރާ، މަތިންދާބޯޓު އުފުލާ މަނަވަރު "އައިއެންއެސް ވިކްރަމާދިތުޔަ" ރާއްޖެ އަށް ކުރި ދަތުރު ނިންމާލުމަށް ފަހު މިއަދު ފުރައިފި އެވެ.

ދިގުމިނުގައި 285 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ އައިއެންއެސް ވިކްރަމާދިތުޔައަކީ، އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ތެރެއިން އެންމެ ފަހުން ހިދުމަތާ ގުޅުނު މަނަވަރެވެ.

މި މަހުގެ 15 އިން ފެށިގެން ވިކްރަމާދިތުޔަ ރާއްޖެ އަށް ކުރި ދަތުރަކީ އެ މަނަވަރު އިންޑިއާގެ އަސްކަރީ ހިދުމަތާ ގުޅުނު ފަހުން ބޭރު ގައުމަކަށް ކުރި ދެ ވަނަ ދަތުރެވެ.

އައިއެންއެސް ވިކްރަމާދިތުޔަގެ އިތުރުން އައިއެންއެސް މައިސޫރާ އައިއެންއެސް ދީޕަކް ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. މަނަވަރުތަކުގެ ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި ކުރި ދަތުރެކެވެ.

އައިއެންއެސް ވިކްރަމާދިތުޔަ އަށް ޒިޔާރަތް ކުރުމަށް ހުޅުވާލި ފުރުސަތުގައި 4500 މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް އިންޑިއަން ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ.