18 Feb 2016, 13:07
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޯލާޝިޕް ސުކީމްގެ ދަށުން، މި އަހަރުގެ ފުރަތަމަ ޓާމަށް ހޮވުނު 24 ދަރިވަރުންނާ މިއަދު ސްކޯލާޝިޕްތައް ހަވާލުކޮށްފި އެވެ.
މި އަހަރުގެ ފުރަތަމަ ޓާމުގައި އަލަށް ކޯސްތަކަށް ވަން ދަރިވަރުންނަށް ހުޅުވާލި އެ ފުރުސަތުގެ ތެރެއިން ހޮވުނު ދަރިވަރުންނާ ސްކޯލާޝިޕްތައް ހަވާލުކޮށްދެއްވީ މިއަދު އެ ޔުނިވާސީޓިގެ އޮޑިޓޯރިއަމްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕެއިޓީ މިނިސްޓަރު އަޒްލީން އަހުމަދާއި އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފު އެވެ.

ގައުމީ ޔުނިވާސިޓީގެ 24 ސްކޯލާޝިޕަށް ހޮވުނު ދަރިވަރުންނާ ސްކޯލާޝިޕް ހަވާލު ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: މުހައްމަދު އަފްރާހު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ ލީޑާޝިޕުން އެ ޔުނިވާސިޓީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.
"އެކަން އެމްއެންޔޫގެ ހުރިހާ ދިމާލަކުން ވެސް ފެންނަމުންދާ ކަން އަޅުގަނޑު ގަބޫލު ކުރަން. އެމްއެންޔޫގެ ބައިވެރި ކުރުވުން މިހާރު އާދަޔާ ހިލާފަށް މެކުހަށް ޖަހާފައިވާކަން ދަންނަވަން ޖެހޭ،" ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކު ކޮންމެ ދާއިރާއަކުން މަތީ ފަސް ނެގި ކަމުގައިވީ ނަމަވެސް އެ މީހެއްގެ ކިބައިގައި ދިވެހި ރާއްޖޭގެ މުއައްސަސާތަކާއި މުޖުތަމައު ގަބޫލުކުރާ އިސްލާމިކް ވެލިއުސް ހުންނަ ޖެހޭ ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ.
"އެހެންކަމުން މި ދަންނަވާ ވެލިއުސްތައް، ކޯހުގެ މޮޑިއުލްއެއް ކަމުގައި، ޕާސް އޯ ފެއިލް މޮޑިއުލް އެއްގެ ގޮތުގައި ނަމަވެސް މި ކަންތައް ކަނޑައެޅިގެން ދައިރުގައި އެމްއެންޔޫ އާއި ދިވެހި ރާއްޖޭގެ ހިމެނޭ މަތީ ތައުލީމު ދޭ މުއައްސަސާތައް ގުޅިގެން ނިމިގެން ދާނީ. އެހެންނަމަވެސް މި ދެންނެވި އޭރިއާތަކަށް އަހުލިވެރި ބައެއް ގޮތުގައި ކޮންމެ ގުރަޖުއޭޓަކުވެސް ވާނެ." ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ 24 ސްކޯލާޝިޕަށް ހޮވުނު ދަރިވަރުންނާ ސްކޯލާޝިޕް ހަވާލު ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: މުހައްމަދު އަފްރާހު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވާސިޓީގެ ޗާންސަލާ ވިދާޅުވީ، މިއަދު މެރިޓު އުސޫލުން ދޫކުރި ސްކޯލާޝިޕްތައް ތަމްސީލު ކުރަނީ ހިތްވަރާ އެކު މަސައްކަތް ކޮށް ރަނގަޅު ނަތީޖާ ހޯދުން ކަމަށެވެ. އަދި ހާސިލު ކުރާ ތައުލީމުގެ ފެންވަރު މަތިވުމާއި މަތި ކުރުން ކަމަށް ވެސް ޗަންސަލާ ވިދާޅުވި އެވެ.
"އެގޮތުން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ، މަތީ ތައުލީމުގެ އެހެން ތަންތަނުން ދެއްވާ ތައުލީމު ކިތަންމެހާ ވެސް ފެންވަރު މަތިވެގެން ދިޔަ ކަމުގައި ވިޔަސް އަދި އެއަށް ވުރެ ވެސް ހިތްވަރާ އެކުގައި މަތީ ކޮލިޓީގެ ފެންވަރު ހުރި ތައުލީމު ދެވޭ ތަނެއް ކަމުގައި ވާން ޖެހޭ ޔުނިވާސިޓީއެއް،" ޗާންސަލާ ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީ އިން މި އަހަރުގެ ފުރަތަމަ ޓާމަަށް ސްކޯލާޝިޕް ފުރުސަތު ހުޅުވާލާފައި ވަނީ މައިގަނޑު ތިން ދާއިރާ އަކުންނެވެ. އެދާއިރާތަކަކީ ޓިއުޝަން ފީ ހިލޭ ސްކޯލާޝިޕް އާއި އަންޑާ ގްރަޖުއޭޓު ސްކޯލާޝިޕް އަދި ޕޯސްޓުގުރަޖުއޭޓު ސްކޯލާޝިޕް އެވެ.
ޓިއުޝަންފީ ހިލޭ ދާއިރާ އަށް ކުރިމަތިލި 116 ދަރިވަރުންގެ ތެރެއިން ހޮވިފައި ވަނީ 20 ދަރިވަރުންނެވެ.
އަންޑާ ގުރަޖުއޭޓް ދާއިރާ އަށް 42 ދަރިވަރުން ކުރިމަތިލާފައިވާ އިރު ހޮވާފައި ވަނީ ދެ ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ކޯހުގެފީ ދައްކަން ނުޖެހުމާ އެކު އިނާޔަތެއްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ލިބޭނެ އެވެ. އަދި ފޮތާއި ކިޔެވުމަށް ބޭނުންވާނެ އެހެނިހެން ސާމާނު ގަތުމަށް 5،000 ރުފިޔާ ލިބޭ އިރު ކޯސް ފަށާ މަހު ވެސް 5،000 ރުފިޔާ ލިބޭނެ އެވެ.
ޕޯސްޓްގްރަޖުއޭޓު ދާއިރާ އަށް 11 ދަރިވަރުން ކުރިމަތިލި އިރު އެ ދާއިރާ އިން ވެސް ހޮވާފައި ވަނީ ދެ ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ވެސް ކޯހަށް ފީ ދައްކަން ނުޖެހުމުގެ އިތުރުން އިނާޔަތެއްގެ ގޮތުގައި މަހަކު 7،000 ރުފިޔާ ލިބޭނެ އެވެ. އަދި ފޮތާއި ކިޔެވުމަށް ބޭނުންވާނެ އެހެނިހެން ސާމާނު ގަތުމަށް 5،000 ރުފިޔާގެ އިތުރުން ކޯސް ފަށާއިރު ވެސް 5،000 ރުފިޔާ ލިބޭނެ އެވެ.