18 Feb 2016, 12:39
ސަރުކާރުގެ ފަރާތުން ބޭރު ދުނިޔޭގައި ވަކާލާތު ކުރުމަށް ކަނޑައަޅާފައި ހުންނަވާ ވަކީލު ޗެރީ ބްލެއާ އަށް މުހައްމަދު އައްލާމް ލަތީފު (މޮހޭ)ގެ ކުންފުނި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ދެލައްކަ އަށް ވުރެ ގިނަ ޕައުންޑް ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ފެންމަތި ވެއްޖެ އެވެ.
ބޭރު ދުނިޔޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އަބްދުﷲ ރިފާއު ކިޔާ މީހެއްގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެމްސީ މޯލްޑިވްސްގެ އެކައުންޓަކުން ޗެރީ ބްލެއާގެ ލޯ ފާމް އޮމްނިއާގެ އެކައުންޓަށް ދެފަހަރެއްގެ މަތިން ވަނީ 210،000 ޕައުންޑް ޓްރާންސްފާކޮށްފަ އެވެ. އެކަމާ ގުޅިގެން އެމްސީ މޯލްޑިވްސްގެ ވެރިޔާ ރިފާއު ޑެއިލީ މެއިލް އަށް ވިދާޅުވެފައި ވަނީ އޭނާ އެ ފައިސާ ޓްރާންސްފާ ކުރީ އައްލާމް ބުނެގެން ކަމަށާއި އެއީ ބަންދު ދުވަހެއްގައި އޭނާ އަށް ރުފިޔާ ޓްރާންސްފާ ނުކުރެވިގެން ބުނުމުން ކަމަށެވެ.
އައްލާމްއަކީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދުމަށް އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރިފައިވާ މީހެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ނުރައްކާތެރި ހަތިޔާރުން ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަނުޖެހުން ހިންގުމާއި ފިސްތޯލައިގެ ވިޔަފާރި ކުރުމުގެ އިތުރުން ޓެރަރިޒަމްގެ ކުށެވެ.

މަހެއްގެ މައްޗަށް 2000 ޕައުންޑު ދިވެހި ސަރުކާރުން ދެއްކުމަށް އެއްބަސްވެ އޮމްނިއާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބުނެފައި ވަނީ އެ ލޯ ފާމުން މަސައްކަތް ކުރާނީ ރާއްޖޭގައި ޑިމޮކްރަސީ ގާއިމް ކުރުމާއި، ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރުމާއި، ޒިންމާދާރުވުން ހަރުދަނާކުރުމަށް އެހީތެރިވުމަށް ކަމަށެވެ. ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުން އެ ފައިސާ އަކީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ އިން ދައްކާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އައްލާމްގެ އިތުރުން އޮމްނިއާ އަށް ފައިސާ ދެއްކުމަށް ހިނގައި ދިޔަ މުއާމަލާތްތަކުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ބައިވެރިވެފައިވާ ކަމަށް ޑެއިލީމެއިލްގައި ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން އޮމްނިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމަކަށް އެހެން ބަޔަކު ފައިސާ ދެއްކި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.
ޗެރީ ބްލެއާގެ ކުންފުނި އޮމްނިއާ އިން ދިވެހި ސަރުކާރާ އެކު މަސައްކަތް ކޮށްފައި ވަނީ މަހަކަށް 420،000 ޕައުންޑަށެވެ.
އެމްއެމްޕީއާރްސީ އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން ބައެއް ފައިސާ މޮހޯގެ ކުންފުނި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓުން ހާމަވުމުން، އެ ކުންފުނިން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.