(15 ފެބްރުއަރީގެ އަދަދާ ގުޅޭ)

އެންމެފުރަތަމަ ކާވެނިފުޅު

ޝައްކެއްވެސް ނެތެވެ. ކޮންމެ މަންމައަކާއި ބައްޕަޔަކުވެސް އެދޭނީ، އެބައެއްގެ ލޮލުގެ ނޫރުކަމުގައި ހިމެނޭ އަންހެން ދަރިފުޅު، ކޮންމެވެސް ޤަދަރުހުރި، ތަނަވަސް ޢާއިލާއެއްގެ ޅީދަރިކަނބަލަކަށްވުމެވެ. އެހެންކަމުން،خزيمة بن الحارثގެ ޢާއިލާއިންވެސް ހަފަރާތަށް ބެލުމަށްފަހު ޤަބޫލުކުރީ،الحارث بن مطّلب بن عبد منافގެ ޢާއިލާއިން ލިބުނު ހުށަހެޅުމެވެ.مطّلب بن عبد منافއަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ މުނިކާފާފުޅުهاشم بن عبد منافގެ އެއްބައްޕާފުޅު އަޚެކެވެ.طفيل بن الحارثއާއިالسّيّدة زينب بنت خزيمةގެ ކާވެނިފުޅު ޢަޤްދުކުރެވުނީ، އެޒަމާނުގެ އެންމެ ޝަރަފުވެރި ގޮތުގައެވެ.زينبގެ ޢާއިލާއިން އެންމެ ފުރިހަމަ ދާމުދޫމުގައިطفيلގެ ގެއަށް އެކަމަނާ އެރެހެއްޓިއެވެ.زينبގެ ޢާއިލާއިން ވަރަށް އުފާކުރިއެވެ. މައްކާގެ އެންމެ ޝަރަފުވެރި، އެންމެ ތަނަވަސް އެއް ޢާއިލާއެއްގެ މެމްބަރަކާزينبއާ ކާވެނިކޮށްދެވުނީތީއެވެ. ނަމަވެސް، ޤުދުރަތުގެ ރޭއްވެވުން ވަނީ މުޅީން އެހެންގޮތަކަށެވެ.طفيلއާއިزينبއާ ދެކަނބަލުންގެ ކާވެނިފުޅަށްފަހު މާގިނަދުވަހެއްނުވެ ދެކަނބަލުންގެ ދެމެދުގައި މައްސަލަތައް އުފެދޭން ފަށައިފިއެވެ. އެންމެފަހުން ވަރިފަށަށް އަރައި، އެކާވެނިފުޅު ރޫޅިއްޖެއެވެ.السّيّدة زينبއެކަމަނާގެ ގެއަށް ވަޑައިގެންފިއެވެ.السّيّدة زينبގެ މައިކަނބަލުންނާއި ބަފައިކަލުންނަށް ލިބިވަޑައިގެންފައިވާ އުފާވެރިކަން ހިތާމަޔަށް ބަދަލުވެ، މޮޅި ސާލު ލައްވަން ޖެހިވަޑައިގެންނެވިއެވެ.

ދެވަނަ ކާވެނިފުޅާއި އިސްލާމްވެވަޑައިގަތުން

މާތްاللّـهގެ ކުޅަދުންވަންތަކަމެވެ.الحارث بن مطّلبގެ އެއްބޭފުޅަކުالسّيّدة زينبވަރިކުރައްވާއިރަށް، އަނެއްބޭފުޅެއް އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގެންފިއެވެ. އެކަމަނާއާ ކާވެނިބައްލަވައިގެން ގެއަށް ގެންދަވައިފިއެވެ. މިފަހަރު އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގެން އެކަމަނާއާ ކާވެނިބެއްލެވީ،عبيدة بن الحارثއެވެ. އެކަލޭގެފާނަކީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمދެކެ އިންތިހާދަރަޖަޔަށް ލޯބިފުޅުވާ ބޭކަލެކެވެ. އާއްމުގޮތެއްގައިވެސްمطّلبވަންހައާއިهاشمވަންހައަކީ، އެއްބަޔަކު އަނެއްބަޔެއްގެ ޙަލީފުންނެވެ. އުފަލާއި ހިތާމައިގެ ބައިވެރީންނެވެ.

عبيدة بن الحارث،އާއި،السّيّدة زينب بنت خزيمةއާ ކާވެނިބެއްލެވި ދުވަސްވަރަކީ، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ރިސާލަތު އިޢުލާންކުރެއްވި ދުވަސްވަރެވެ. މީސްތަކުންނަށް އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކުރަން ދަޢުވަތު ދެއްވަމުން ގެންދެވި ދުވަސްވަރެވެ. ހަމައެފަދައިން، މައްކާގެ މުޝްރިކުން އެ ދަޢުވަތު ހުއްޓުވުމަށްޓަކައި، ބާވަތްބާވަތުގެ އަނިޔާއާއި ގަދަބަދަވިކަން އަޖުމަ ބަލަމުން ގެންދިޔަ ދުވަސްވަރުވެސްމެއެވެ.السّيّدة زينب بنت خزيمةގެ ދެމަފިރިކަނބަލުން ހިމެނިވަޑައިގެންނެވީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ދަޢުވަތު ޤަބޫލުކުރައްވަން އަވަސްވެވަޑައިގެންނެވި ނަސީބުވެރީންގެ ތެރެއިންނެވެ. މުޝްރިކުންގެ ދުއްތުރާތަކާއި އަނިޔާތަކާ އެދެކަނބަލުން ކުރިމަތިލެއްވީ، ފިސާރި ސާބިތުކަމާއި ހިތްވަރުފުޅާ އެކުގައެވެ.مطّلبވަންހައިގެ އެހެނިހެން މެމްބަރުންވެސް، ކައުސާހިބާصلّى اللّـه عليه وسلّمޙިމާޔަތްކުރައްވައި ރައްކާތެރި ކުރެއްވުމުގައި،هاشمވަންހަޔާ އަތާއަތްގުޅައިލެއްވިއެވެ. އެހެންކަމުން، ޤުރައިޝުންގެ އިޖްތިމާޢީ ދަތިކުރުމުގެ ތެރޭގައި ފިތިވަޑައިގެން،أبو طالبގެ ޝިއުބުގައި ތިންއަހަރު ވަންދެން ހައްޔަރުވެވަޑައިގެންފައިވެސް ތިއްބެވިއެވެ.

މަދީނާއަށް ހިޖްރަކުރެއްވުން

މަދީނާގައި އިސްލާމްދީން ފެތުރި، ޞަޙާބީންނަށް މަދީނާއަށް ހިޖްރަކުރެއްވުމުގެ ހުއްދަ ލިބިވަޑައިގަތުމާއެކު،عبيدة بن الحارثرضى اللّـه عنــهއެކަލޭގެފާނުގެ އަނބިކަނބަލުންالسّيّدة زينب بنت خزيمةއާއި އެކަލޭގެފާނުގެ ޢާއިލާގެ ޖަމާޢަތަކާއެކު މަދީނާއަށް ހިޖްރަ ކުރެއްވިއެވެ. މަދީނާއިން އެ ޤާފިލާއަށް މަރްޙަބާ ވިދާޅުވީ،عبداللّه بن سلمة العجلانى رضى اللّـه عنــهއެވެ.

މަދީނާއަށް ވަޑައިގެންނެވުމުން އެ ދެމަފިރިކަނބަލުންނަށް ދުވަސްކޮޅަކަށް އަމާންކަމުގެ ނޭވާފުޅެއް ލެއްވުނެވެ.عبيدة بن الحارث رضى اللّـه عنــهއަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި ނުހަނު އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެހެންކަމުން، ހިޖްރައަށްފަހު އެކަލޭގެފާނުގެ ލަޤަބުފުޅަކަށްވީ،شيخ المهاجرينއެވެ. އަނެއްކޮޅުން އެކަލޭގެފާނުގެ އަނބިކަނބަލުންالسّيّدة زينب بنت خزيمةއަށް އިސްލާމްދީނުގެ ކުރީންވެސް ވަނީأم المساكينގެ ޝަރަފުވެރި ލަޤަބު ލިބިވަޑައިގެންފައެވެ. ސަލާންޖަހާ އެއްވެސް މީހަކަށް، އެކަމަނާގެ ގެކޮޅުން ހުސްއަތާ އެނބުރި ދާކަށެއް ނުޖެހެއެވެ. ނިކަމެތީންނާއި ފަޤީރުންނާއި، އެކިއެކި މުހުތާދުގައި އަންނަ މީހުންނަށް، އެކަމަނާ އަމިއްލަފުޅު ނަފްސަށްވުރެވެސް އިސްކަން ދެއްވައެވެ. އެކަމަނާ އިސްލާމްވެވަޑައިގަތުމަށްފަހު، ޚައިރާތުގެ ކަންކަމުގައި ކުރިޔަށްވުރެ މާބޮޑަށް ހީވާގިވެވަޑައިގެންނެވިއެވެ.

މައްކާގެ މުޝްރިކުން، މުސްލިމުންނަށް މަދީނާގައި މާގިނަ ދުވަހަކު ހަމަޖެހިލައިގެން ތިބެވުނަކަ ނުދިނެވެ. މަދީނާގެ މުނާފިޤުންނާއި ޔަހޫދީންނާ ސިއްރުން އެއްބަސްވެ، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރިއެވެ. އެހެންކަމުން، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއިސްލާމީ ދައުލަތުގެ ޢަސްކަރީ ބާރެއް އުފެއްދެވިއެވެ. އެބާރުގެ އިސް ލަޝްކަރަކީ މުހާޖިރުންނެވެ. އިސްލާމްދީނަށްޓަކައި، އެތަކެއް މުޞީބަތްތަކެއް އުފުއްލަވައި، ޤުރްބާނީތަކެއް ވެވަޑައިގަތުމުގެ ސަބަބުން، އަޖުމަ ބެއްލެވި ތަޖްރިބާ ކުރެއްވިފައި ތިއްބެވި މުހާޖިރުންނެވެ. ދެވަނަ ބަޔަކީ، އަމިއްލަފުޅު ނަފުސަށްވުރެ މުހާޖިރުންނަށް އިސްކަންދެއްވަމުން ގެންދަވާ، އަމިއްލަ އެދުންފުޅެއްނެތް، އިޚްލާޞްތެރި އަންޞާރުންނެވެ. ކޮމާންޑަރުން ކަމުގައި ހޮއްވަވައިލެއްވި ދަރަޖަ މަތިވެރި މުހާޖިރުންކުރެ އެއްބޭކަލަކީ،السّيّدة زينب بنت خزيمةرضى اللّـه عنــهاގެ ފިރިކަލުންعبيدة بن الحارث رضى اللّـه عنــهއެވެ. ހިޖްރައިން އެއްވަނަ އަހަރުގެ ޝައްވާލުމަހު (އެޕްރީލް 623މ. ގައި) މުޝްރިކުންގެ ހޯހިރި ބެއްލެވުމަށް ފޮނުއްވި ޢަސްކަރީ ޔުނިޓުގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ،عبيدة بن الحارث رضى اللّـه عنــهއެވެ. އިސްލާމީ ތާރީޚުގައި އެ ޔުނިޓުގެ ދަތުރު ފާހަގަކޮށްފައިވަނީ،سريّة عبيدة بن الحارثނުވަތަسريّةرابغގެ ނަމުންނެވެ.

ހުވަފަތްވުން

ހިޖްރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ ސަތާރަވަނަ ދުވަހު، ބަދުރުގެ މައިދާނުގައި މުޝްރިކުންނާ ބައްދަލުކުރި ތިންސަތޭކަ ތޭރަ ޞަޙާބީންގެ މައްޗަށް އެކުލެވޭ ކުޑަކުޑަ ލަޝްކަރުގެ އެންމެ އިސް އަބްޠާލުންކުރެ އެއްބޭކަލަކީ،السّيّدة زينب بنت خزيمةرضى اللّـه عنــهاގެ ފިރިކަލުންعبيدة بن الحارث رضى اللّـه عنــهއެވެ.

މުސްލިމުންނާއި މުޝްރިކުންގެ މެދުގައި ޙައްޤާއި ބާޠިލުގެ ނިޔާކަނޑައެޅުމުގެ ހަނގުރާމައިގައި ޤުރައިޝުންގެ ފަރާތުން ނިކުތްعبد منافވަންހައިގެ އަރައިތިބި ތިން ފަހުލަވާނުން ކަމުގައިވާعتبة بن ربيعةއާއިشيبة بن ربيعةއާއި،وليد بن عتبةއާ މުބާރަޒާ ކުރައްވަން ކައުސާހިބާصلّى اللّـه عليه وسلّمފޮނުއްވި މުސްލިމުންގެ މަޝްހޫރު ތިން ބަޠަލުންނަކީ،السّيّدة زينب بنت خزيمةرضى اللّـه عنــهاގެ ފިރިކަލުންعبيدة بن الحارثއާއިحمزة بن عبد المطّلبއާއިعلى بن أبى طالب (رضى اللّـه عنــهم)އެވެ.عبد منافވަންހައިގެ ތިންބޭކަލުންނެވެ.عبد منافވަންހައިގެ ސިންގާތަކުގެ މެދުގައި ހިނގި "ޅަކުދީން މުސްކުޅިވާފަދަ" ވަރުގަދަ ހަނގުރާމައިގައިحمزةގެފާނާއިعلىގެފާނާ ދެބޭކަލުން ޙަމަލަދެއްވި ދެމީހުން، މުބާރަޒާ ފެށުނުތަނާ ޤަތުލުކޮށްލައްވައިފިއެވެ. ނަމަވެސް،عبيدةގެފާނާއި އެކަލޭގެފާނު ޙަމަލަ ދެއްވިعتبةއާ (عبيدةގެފާނު ޙަމަލަދެއްވީشيبةއާ ކަމުގައްޔާއި،وليدއާ ކަމުގައިވެސް، ބައެއް ރިވާޔަތްތަކުގައި އައިސްފައި ހުރެއެވެ.) ދެމެދު ވަރަށް ގިނައިރު ޙަމަލަ ބަދަލުކުރެވުނެވެ. އެންމެފަހުންعتبةގެ އަތުންعبيدةގެފާނު ވަރަށްބޮޑަށް ޒަޚަމުވެވަޑައިގެން ވެއްޓިވަޑައިގެންފިއެވެ.عبيدةގެފާނުވެސްعتبةޒަޚަމު ކޮށްލެއްވިއެވެ.عبيدةرضى اللّـه عنــهގެ ގައިކޮޅުގައި އުފެދުނު ޒަޚަމުގެ ނަތީޖާއަކަށްވީ، އެކަލޭގެފާނުގެ ނަންފުޅު ބަދުރުގެ ދަރަޖަ މަތިވެރި ޝަހީދުންގެ ލިސްޓުގައި ހިމެނުމެވެ. އެކަލޭގެފާނު ފަސްދާނުލެވުނީ، ޞަފްރާއުގައެވެ.عبيدةرضى اللّـه عنــهގެ މަހާނަފުޅުން އަރާ ހުވަނދުވަހުގެ ސަބަބުން، އެތައް އަހަރެއް ވަންދެން ޞަފްރާއުގެ ޖައްވުގައި ހުވަނދު ވަސް ފެތުރިފައި ހުއްޓެވެ.

އިސްލާމީ މުޖާހިދުން ފަތަޙައިގެ ދިދަތައް ވިހުރުއްވަމުން މަދީނާއަށް އަރައިވަޑައިގަތުމާއެކު،السّيّدة زينب بنت خزيمةއަށް ލިބިވަޑައިގެންނެވި ޚަބަރަކީ، އެކަމަނާގެ ލޮބުވެތި ފިރިކަލުން، އަދި މާތްاللّـهއާއި، އެކަލާނގެ ރަސޫލާގެ ތެދުވެރި ޢާޝިޤުعبيدة بن الحارث رضى اللّـه عنــهޝަހީދުވެވަޑައިގެންފި ޚަބަރެވެ. މާތްاللّـهގެ ޙަޟުރަތުން ރިޒުޤު ލިބިވަޑައިގަންނަވާ ގޮތުގައި، ދާއިމަށް ދިރިތިއްބަވާ މުޤައްދަސް ޖަމާޢަތުގައި ހިމެނިވަޑައިގެންނެވި ޚަބަރެވެ.السّيّدة زينبމި ހިތާމަވެރި ޙާދިޘާއާ ވިދިގެން، އިސްލާމްދީނާއި އެދީނުގެ ރަސޫލާصلّى اللّـه عليهوسلّمއަށްޓަކައި، އެންމެ ރީތިގޮތުގައި ކެތްތެރިވެވަޑައިގެންނެވިއެވެ.

ތިންވަނަ ކާވެނިފުޅާއި، ދެވަނަ ފަހަރަށް ހުވަފަތްވެވަޑައިގަތުން

السّيّدة زينب بنت خزيمةހުވަފަތްވެވަޑައިގެންނެވި ކަމުގައިވިޔަސް، އެކަމަނާގެ ޢިއްދަ ހަމަވާއިރަށް، ކާވެނިފުޅުގެ ދަޢުވަތެއް ލިބިވަޑައިގެންފިއެވެ. މިފަހަރުވެސް އެކަމަނާއަށް ދަޢުވަތު ދެއްވީ، ކައުސާހިބާصلّى اللّـه عليهوسلّمގެ ނުހަނު އަރިސް ޞަޙާބީއެކެވެ.السّابقون الأوّلونގެ މުޤައްދަސް ޖަމާޢަތުގެ މެމްބަރެކެވެ. އިތުރު ސާހިބާصلّى اللّـه عليهوسلّمގެ ބޮޑުދައިތާފުޅުأميمة بنت عبد المطّلبގެ ދަރިކަލުންعبد اللّـه بن جحش رضى اللّـه عنهއެވެ.السّيّدة زينب بنت خزيمة رضى اللّـه عنهاއެ ދަޢުވަތު ޤަބޫލުކުރެއްވިއެވެ. އެ ދެކަނބަލުންގެ ކާވެނިފުޅު ޢަޤްދު ކުރެވި، ނުހަނު އުފާފުޅުން، ދިރިއުޅުއްވަމުން ގެންދެވިއެވެ.

(ނުނިމޭ)