18 Feb 2016, 12:00
މޫސުން ގޯސްވެ ގަދަވަޔާއެކު ވިއްސާރަ ކުރާނެތީ ހދ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައި ވަނިކޮށް ކަނޑު ދަތުރުކުރުމަކީ ރައްކާތެރި ކަމެއްނޫނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އެލާޓްގައި ބުނީ އެ ސަރަހައްދުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ވިދާ ގުގުރާނެ ކަމަށެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު ފަހު 1:20 ހަމައަށެވެ.
ކުރިއަށް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ކަނޑުގަދަވެ، ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.
މޫދުމާ ބެހޭ އިދާރާ އިން ބުނީ ބޭއޮފް ބެންގޯލްގެ މެދުތެރޭ ހިސާބުގައި އުފެދިފައިވާ ލޯ ޕްރެޝަރު އޭރިއާ ގުޅިގެން މާދަމާ އިން ފެށިގެން ތިން ދުވަސްވަންދެން ރާއްޖޭގެ އެކި ހިސާބަށް ދޭތެރެ ދޭތެރެއިން ވާރޭވެހި ގުގުރުމަކީ ވެސް އެކަށީގެންވާކަމެއް ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކާއި މަސްވެރިން ވެސް މޫސުން ގޯސްނަމަ ސަމާލުވެ، ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.