18 Feb 2016, 11:41
ޔޫރޮޕާ ލީގުގައި މިރޭ ޑެންމާކުގެ މިޑްޓިޖީލޭންޑްއާ ދެކޮޅަށް މެންޗަސްޓާ ޔުނައިޓެޑް ނިކުންނަ އިރު އެ ޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ކޯޗު ލޮއިސް ވެން ހާލް ބުނެފިއެވެ.
"މި ޓީމުގެ 13 ކުޅުންތެރިންނަކަށް މިވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިލާން ޖެހިފަ. މީގެ ކުރިން ދުވަހުކުވެސް މިހާ ގިނަ ކުޅުންތެރިން ތަކެއް އިންޖަރީގައި ހުއްޓަކާ ނުދެކެން. މި ވަގުތަކީ ސްކޮޑް ވަރަށް ހީނަރުވެފައިވާ ދަނޑި ވަޅެއް،" އެމްޔޫޓީވީ އަށް ދިން އިންޓަވިއު އެއްގައި ވެން ހާލް ބުންޏެވެ.
ޔުނައިޓެޑްގެ ގިނަ ކުޅުންތެރިން ތަކަކަށް އަނިޔާވެފައިވާ އިރު އެންމެ ފަހުން އެ ޓީމް ލީގުގައި ސްންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ވޭން ރޫނީގެ ފަޔަށް އަނިޔާވެ ވަނީ ކުޅުމާއި ދުރުށް ދާންޖެހިފަ އެވެ.
"ރޫނީގެ އެ އަނިޔާއެކު ޖުމްލަ 13 ކުޅުންތެރިންނަކަށް މި ވަނީ އަނިޔާވެފައި. މި އަހަރެންގެ ކޯޗިން ކެރިއަރުގައި ވެސް އެހާ ގިނަ ކުޅުންތެރިން ތަކަށް އަނިޔާގެ މައްސަލަ ތަކާއި ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު،" ވެން ހާލް ބުންޏެވެ.
ރޫނީގެ އަނިޔާއާ ގުޅިގެން އޭނާ ކުޅުމުގެ ތެރެއަށް އައުމަށް މަދުވެގެން ހަ ހަފްތާ ނަގާނެ ކަމަށް ވެން ހާލް ބުނެފައިވާ އިރު ޔުނައިޓެޑް ކުޅޭ މުހިންމު ގިނަ މެޗުތަކެއް ގެއްލިގެން ދާނެއެވެ. ނަމަވެސް ޖޫން މަހު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އޭނާ މުޅިން ފިޓްވެ ޓީމާ ގުޅޭނެއެވެ.