މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ފިހާރައިގެ ވެރިފަރާތަށް މަރުގެ އިންޒާރުދީ، ބިރު ދެއްކުމުގެ ތުހުމަތަށް ހައްޔަރުކުރި މީހަކީ ބޭސް ފަރުވާއަކަށް ޖަލުން ނެރެފައިވާ މީހެއް ކަމަށް ޑީޕީއާރުއެސް އިން ބުނެފި އެވެ.

ޑީޕީއާރުއެސްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ފިހާރައެއްގެ ތެރެއަށް ވަދެ، ވެރި ފަރާތަށް ބިރު ދެއްކުމަށްފަހު، މާރާމާރީ ހިންގާ ބައެއް ތަކެއްޗަށް ގެއްލުން ދިން ކަމަށް ބުނެ ފުލުހުން އިއްޔެ ކޯޓަށް ހާޒިރުކޮށްފައިވާ ގ. ސަންޑާންސް، އިސްމާއީލު ވަހީދު 23، އަކީ 2007 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ޖަލަށްލާފައިވާ މީހެއް ކަމަށާއި އޭނާ އަކީ 2007 ވަނަ އަހަރު ޖަލަށް ލާފައިވަނިކޮށް ފިލާފައިވާ ކަމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އެ މައްސަލަތަކުގެ ތަފުސީލު ރަޝީދެއް ނުދެއްވަ އެވެ.

" ޖަލުގައި ހުއްޓާ ބޭސްފަރުވާ އަށް މާލެ ގެނެސްފައިވަނީ ރާއްޖޭން ބޭރުގައި އޭނާއަށް ބޭސްފަރުވާ ކުރަން އާއިލާ ބޭނުންވެގެން. ކޮންމެވެސް ކަހަލަ އޮޕަރޭޝަނެއް ކުރަންވެގެން އާއިލާ އިން އެދިގެން އޭނާ ނެރެފައިވަނީ،" ރަޝީދު ވިދާޅުވި އެވެ.

އިސްމާއީލު އުމުރަށް ޖަލަށްލުމަށް ހުކުމްކޮފައި ވަނީ އޭނާގެ އަތުން މަސްތުވާތަކެތި އަޅާފައިވާ 25 ރަބަރު ޕެކެޓު ފެނިގެނެވެ.